ބާރުގަދަ ތޫފާނެއް ކަމުގައިވާ ގެބްރިއޭލް ނިއު ޒިލެންޑުގެ އުތުރުގެ ސަރަޙައްދުތަކާ ދިމާލަށް ދަތުރުކުރަމުންދިޔުމާ ގުޅިގެން އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ތޫފާން ގެބްރިއޭލް އަރާނެ ކަމުގެ އިންޒާރުދެއްވާ، ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއްވާފައެވެ.
ތޫފާން ގެބްރިއޭލް ނިއު ޒިލެންޑުގެ އުތުރުގެ ސަރަޙައްދުތަކާ ދިމާލަށް ދަތުރުކުރަމުން މި ދަނީ، ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަޙައްދުގައި ފެންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ނިއު ޒިލެންޑުގެ އުތުރު ރަށުގައި އޮންނަ އޮކްލެންޑުގައި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގައި އަދިވެސް އޮތީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި އޮކްލެންޑުން ހަތަރު މީހުން މަރުވެ، އެތަކެއް ހާސް ބަޔަކަށް ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން ޖެހުނެވެ.
އޮކްލެންޑުގެ ބައެއް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް އަދިވެސް ހިނދިފައެއް ނުވެއެވެ. އަދި، މަގުތައް ސާފުކުރުމުގެ މަސައްކަތް ވެސް ނިމިފައެއް ނުވެއެވެ. ހިޕްކިންސް ވިދާޅުވީ، ތޫފާން ގެބްރިއޭލްއާ ގުޅިގެން އެ ސަރަޙައްދުގައި މިހާރު ދިރިއުޅޭ އިތުރު މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.
"މޫސުމާ ގުޅޭ ގޮތުން ދޭ އިންޒާރުތަކަށް އިޙުތިރާމުކުރުމަށް ހުރިހާ އެންމެންނަށް ގޮވައިލަން. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދުދެން. ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އިރުޝާދުދީފި ނަމަ، އެ ކަމަށް ބޯލަނބަން ޖެހޭނެ،" ހިޕްކިންސް ވިދާޅުވިއެވެ.
ނިއު ޒިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން ގެބްރިއޭލްގެ ސަބަބުން މިހާރު ވެސް އެ ސަރަޙައްދުގައި ގަޑިއަކު 140 ކިލޯމީޓަރަށް ވައިބާރުވެފައިވާ ކަމުގައެވެ. އަދި، އެ ތޫފާނާ އެކު ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ވެސް އެ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ. އަދި، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.