ދެކުނު އެމެރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ އާޖެންޓީނާގައި އާދަޔާ ޚިލާފަށް ހޫނުގަދަވާނެ ކަމުގެ އިންޒާރުދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފިއެވެ. ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް އާޖެންޓީނާގެ ސަރަޙައްދުތަކުގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލެން ފަށާފައި ވަނީ މީގެ 60 ވަރަކަށް އަހަރު ކުރިންނެވެ. އަދި، ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި އެކި ފަހަރު މަތިން އެ ޤައުމަށް ހޫނުގެ ތޫފާންތައް ކުރިމަތިވެފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޤައުމަށް މި ފަދަ އިތުރު ހޫނުގެ ތޫފާނެއް ކުރިމަތިވާނެ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރެއެވެ. އަދި، މި ކަމުގެ އަސަރު އެ ޤައުމުގެ ދެކުނާއި މެދުތެރޭގައިވާ ނުވަ ޕުރޮވިންސަކަށް ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އަދި، ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.
މިއީ، މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އެ ޤައުމަށް ހޫނުގެ ތޫފާނެއް ކުރިމަތިވާ އަށްވަނަ ފަހަރެވެ. ހުސްވި އަހަރުތަކުގައި، ހޫނު މޫސުމާ ދިމާކޮށް، ހަތަރެއް ނުވަތަ ފަސް ފަހަރެއްގެ މަތިން އެ ޤައުމުގެ ސަރަޙައްދުތަކަށް މި ފަދަ ހޫނުގެ ތޫފާންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އާޖެންޓީނާއަށް ހޫނު މޫސުން ކުރިމަތި ވަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުން ފެށިގެން އަނެއް އަހަރުގެ ޖަނަވަރީ މަހާ ދެމެދުގައެވެ.
ވެރިރަށް ބޮއެނޮސް އައިރިސްގެ ފިނިހޫނުމިން މިހާރު ވެސް ވަނީ 38 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. މިއީ، ފާއިތުވި 61 އަހަރުގެ ތެރޭގައި ބޮއެކޮސް އައިރިސްގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު އެންމެ ހޫނު ގަދަ ފެބްރުވަރީ މަސް ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، އަހަރަކުންއަހަރަކުން ހޫނުމިން އިތުރުވަމުންދާ ކަމަށާއި، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އުފުލުމެއް ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.
އާޖެންޓީނާގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ޕެޓެގޯނިޔާގައި ފިނިހޫނުމިން މިހާރު ވަނީ ރެކޯޑް 42 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. ފިނިހޫނުމިން އުފުލުމުގެ ސަބަބުން އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާޢަތަށް އަހަރެއްގެ މައްޗަށް 10 ބިލިޔަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހޭ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ.