ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 33،000އިން މައްޗަށް އަރާފައިވާއިރު، ވެއްޓިފައިވާ ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ކުރި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިން ހައްޔަރުކުރުމުގެ މަސައްކަތް ތުރުކީވިލާތުން ފަށައިފިއެވެ. އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ވަނީ 113 މީހަކު ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.
ފެބްރުއަރީ 6 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ރިކްޓަރ މިންގަޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގައި ތުރުކީވިލާތުގައި 6,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ވެއްޓި، ބިމާ ހަމަވެފައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން 7.5 ގެ ބާރުމިނުގައި ވެސް އިތުރު ބިންހެލުމެއް އައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ގަޒިއެންޓެޕް ހިމެނޭ ސަރަޙައްދަށެވެ. އަދި، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށެވެ.
ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ 12 ކޮންޓްރެކްޓަރުން މިހާރު ވެސް ހައްޔަރުކޮށްފައިވާ ކަމުގައި ތުރުކީގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. އަދި، ޖުމުލަ 113 މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ބިންހެލުމުގައި ތުރުކީވިލާތަށް ލިބިފައިވާ ބޮޑު ގެއްލުމާއި، މި ހާދިސާއަށް އިޖާބަދިނުމުގައި ތުރުކީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެއް ބަޔަކު ބުނަމުން ދަނީ، މި ފަދަ ހާދިސާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާ ކަމުގައެވެ. އަދި، ބިންހެލުމާ ގުޅޭ ޓެކުސްތައް ނެގި ނަމަވެސް، އޭގެ ފައިދާއެއް ކޮށްފައި ނުވާ ކަމުގައި ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާއި، ޢިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމަށް ސަރުކާރުން ހަލުވި މިނެއްގައި މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މި ހާދިސާތަކާ ގުޅިގެން ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ މީހުން ހައްޔަރުކުރުމަށް ތުރުކީގެ ސަރުކާރުން މަސައްކަތް ފަށާފައި މި ވަނީ، މި ހާދިސާގެ ޒިންމާއިން ރެކެން ކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ތުރުކީގެ ޢިމާރާތްތަކުގެ ސިނާޢަތުގައި ކޮރަޕްޝަން އިތުރުވެފައިވާ ކަމުގެ ތުހުމަތުތައް ފެތުރޭތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން، ބިންހެލުން ޢާންމު ސަރަޙައްދުތަކުގައި ޢިމާރާތް ކުރުމަށް ކުންފުނިތަކަށް އިތުރު ފުރުޞަތުތައް ލިބިފައިވާ ކަމަށާއި، ޤަވާޢިދުތަކަށް ނުފެތޭ ގޮތަށް ޢިމާރާތް ކުރުމުގެ މަގުފަހިވެފައިވާ ކަމުގެ އިންޒާރުކޮށް، ކަމާގުޅޭ މާހިރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމަށް ރައްދުދެއްވަމުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ، ބިންހެލުމުގެ ހާދިސާއަށް އިޖާބަ ދިނުމުގައި ލަސްތަކެއް ހުރިކަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، މިއީ ޤުދުރަތީ ކާރިސާއެއް ކަމަށާއި، އެ ކަން ހުއްޓުވަން ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ބިންހެލުމަށް ފަހު ހަ ދުވަސް ފާއިތުވެފައިވާއިރު، ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. އެތަކެއް ސަތޭކަ ބަޔަކު އަދިވެސް ޢިމާރާތްތަކުގެ ދަށުގައިވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެ މީހުން ހޯދައި ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ ހުރަސް އެޅެމުންނެވެ.
ސަބަބަކީ، ބިންހެލުމުގައި ސުންނާފަތިވެފައިވާ ސަރަޙައްދުތަކުގައި ލޫޓުވުން އިތުރުވެ، ހަމަނުޖެހުންތައް ހިނގުމެވެ. ފިހާރަތައް ފަޅާލައި، ލޫޓުވުމުގެ ހަރަކާތްތައް އިތުރުވެފައިވާ ކަމުގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީމުތަކުން ދަނީ ބުނަމުންނެވެ.
ފެކްޝަންތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މީހުން ސަލާމަތް ކުރަން އުޅޭ ޓީމުތަކަށް ވަނީ އެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން މަޖުބޫރުވެފައެވެ. މީހުން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ތުރުކީގެ އަސްކަރިއްޔާގެ ބައެއް ސިފައިން މިހާރު ހަރަކާތްތެރިވާން ޖެހިފައި ވަނީ ލޫޓުވާ މީހުން ހުއްޓުވައި، ހަމަނުޖެހުންތައް ހުއްޓުވުމުގައެވެ.
ތުރުކީވިލާތުގެ ދެކުނުން އޮތް ސޫރިޔާގެ ހާލަތު މާ ގޯސް ކަމުގައި އެހީދޭ ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ. ފިނިހޫނުމިން އިންތިހާއަށް ދަށްވުމުގެ ސަބަބުން، އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައި އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.
ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުން ކާބޯތަކެތި ހުސްވެ، ބަނޑަށް ޖެހިފައިވާ މީހުންގެ ޢަދަދު 800,000 އަށްވުރެ އިތުރުވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. އަދި، ގެދޮރު ސުންނާފަތިވެ، މަގުމަތީގައި ނިދަން ޖެހިފައިވާ މީހުންގެ ޢަދަދު 5.3 މިލިޔަނަށް އަރާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ.
ސޫރިޔާގައި އެންމެ ބޮޑަށް ގެއްލުންވެފައިވާ އުތުރުގެ ގިނަ ސަރަޙައްދުތަކުގެ ކޮންޓްރޯލް އޮތީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަތުގައެވެ. އެ ސަރަޙައްދުތަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ފޯރުކޮށްދޭން އ.ދ.އިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް އެބައޮތެވެ. އެ ސަރަޙައްދަށް އެތެރެވެވެން އޮތް ހަމައެކަނި މަގަކީ، އެ ޤައުމާއި ތުރުކީ ގުޅޭ ސަރަޙައްދީ އިން ހުރަސްކޮށް، ބާބް އަލް-ޙަވާއަށް އެތެރެވުމެވެ.
ބިންހެލުމުގައި ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 3,553 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ފެބްރުއަރީ 10 ވަނަ ދުވަހު ވަނީ ބުނެފައެވެ. އޭގެ ފަހުން، މަރުވި މީހުންގެ ހިސާބުތައް ޢާންމުކޮށްފައެއް ނެތެވެ. ނަމަވެސް، އެ ޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ތުރުކީއާއި ސޫރިޔާގައި ބިމާހަމަވެފައިވާ ޢިމާރާތްތަކުގެ ކޮންކްރީޓާއި ގައުކުނޑިތަކާއި ފާރުތަކުގެ ދަށުން ދިރިތިއްބާ ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކުރެވޭނެ ކަމުގައި އުންމީދު ވަނީ ފަނޑުވެފައެވެ. ނަމަވެސް، އަދިވެސް ދިރިހުރި ބައެއް މީހުން ދަނީ ފެންނަމުންނެވެ. ތުރުކީވިލާތުގެ ޙަތޭއިން އުމުރުން ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރެވިފައިވާއިރު، ގަޒިއެންޓެޕުން ފަސް މެންބަރުންގެ ޢާއިލާއެއް ވަނީ ދިރިތިއްބާ ސަލާމަތް ކުރެވިފައެވެ.
ތުރުކީވިލާތާއި ސޫރިޔާއަށް އައިސްފައި ބިންހެލުމަކީ، ފާއިތުވި ގަރުނުގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ބިރުވެރި، އަދި ނުރައްކާތެރި ކާރިސާ ކަމުގައި އ.ދ.ގެ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސް ސިފަކުރެއްވިއެވެ. އޭނާ ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސްކުރެއްވުމަށް ތުރުކީގެ ކަހްރަމަންމަރާސްއަށް ވަޑައިގަންނަވާފައެވެ.
އޭނާ ވަނީ، ސިޔާސީ ޚިޔާލުތަފާތުވުންތައް ދޫކޮށްލުމަށް ފަހު، މި ކާރިސާއިން އަރައިގަތުމުގެ މަސައްކަތް ފެށުމަށް ތުރުކީވިލާތާއި ސޫރިޔާގެ ސިޔާސީ ވެރިންނަށް ގޮވައިލައްވާފައެވެ. އަދި، އެ ދެ ޤައުމަށް އެހީތެރިވެދިނުމަށް އެހެން ޤައުމުތަކުން ދެމުންދާ ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޭނާވަނީ އެ ޤައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.