ޚަބަރު

112 މިލިއަނާއެކު ޑޮލަރުން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް


މިދިޔަމަހު މީރާ އަށް ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، %50 އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މިރާއިން އާއްމުކޮށްފައިވަނާ ޖެނުއަރީމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިދިޔަމަހު ދައުލަތަށް 112 މިލިއަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 74 މިލިއަން ޑޮލަރެވެ.

އެންމެ ބޮޑު އާމްދަނީއެއް ޖެނުއަރީ މަހު

* ޓީޖީއެސްޓީ - 79.8 މިލިއަން ޑޮލަރު
* އިންކަމް ޓެކްސް – 7.1 މިލިއަން ޑޮލަރު
* ޓޫރިޒަމް ލޭންޑު ރެންޓު – 6.1 މިލިއަން ޑޮލަރު
* ގްރީން ޓެކްސް – 6.5 މިލިއަން ޑޮލަރު
* އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ – 5.8 މިލިއަން ޑޮލަރު
* ޑިޕާޗަރ ޓެކްސް – 5.6 މިލިއަން ޑޮލަރު

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ޖެނުއަރީ މަހު ރާއްޖެއަށްވަނީ ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއި ގުޅެއެވެ.

ޖެނުއަރީ މަހުގެ އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީ-ޖީއެސްޓީއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައ 49 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 79 މިލިއަން ޑޮލަރެވެ.

ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާ ރޭޓު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12 އިން %16އަށް، އަދި ޖީއެސްޓީ %6 އިން %8އަށް ވަނީ ބޮޑުކޮށްފައެވެ.

ޖެނުއަރީ މަހު އިންކަމް ޓެކްސްގެ ގޮތުގައިވެސް ޑޮލަރުން ލިބުނު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު 7.1 މިލިއަން ޑޮލަރު އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. މި އަދަދު މިދިޔަ އަހަރު ހުރީ 1.3 މިލިއަން ޑޮލަރުގައެވެ.