ޚަބަރު

"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޖާބިރަށް


"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަބްދުﷲ ޖާބިރަށް ދީފިއެވެ.

ޖާބިރަށް ޕާޓީ އުދެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފައިވަނީ މިއަދުއެވެ. އެކޮމިޝަނުން ވިދާޅުވީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި، އަބްދުﷲ ޖާބިރަށް ހުއްދަދީފައިވާކަމަށެވެ. ޖާބިރު ވަނީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށް، އެޕާޓީގެ ލީޑަރުކަމުންނާއި، މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ޕާޓީއެއް ހެދުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޕާޓީއަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ރައްޖޭގެ މާހައުލާއި ގުޅޭގޮތަށް އުފައްދާ ޕާޓީއެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ޑީއާރުޕީން ވަކިވީ އެޕާޓީ އުވާލުމަށް ނިންމައި އިލެކްޝަނުން އެކަން އެޕާޓީއަށް އަންގާފައި ވަނިކޮށެވެ. މިމައްސަލާގައި ޑީއާރުޕީން ވަނީ ކޯޓަށްވެސް މައްސަލަވެސް ހުށަހަޅާފައެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލާގައި އެޕާޓީން އެންމެ ފުރަތަމަ ކޯޓަށް ހުށައެޅީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހުށައެޅޭނެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެ މައްސަލައަކީ އެބާވަތުގެ މައްސަލައެއް ނޫންކަމަށް ނިންމާ ހައިކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްނުދޭން ނިންމާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި ޑީއާރުޕީން އަނެއްކާވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. މިފަހަރު މައްސަލަ ހުށައެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.