އެކްސްޕޯޓާއި އުފެއްދުންތެރިކަން ދަށްވުމުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ތައިލެންޑުގެ އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ބޮޑަށް މަޑުޖެހިއްޖެއެވެ.
ނަމަވެސް އެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވުމުގެ ސަބަބުން ތައިލެންޑުގެ އިގްތިސާދީ ދުވެލި ހަލުއިވާންޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ހުކުރު ދުވަހު އާންމުކޮށްފައިވާ ނޭޝަނަލް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކައުންސިލް، އެންއީއެސްޑީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލެންޑުގެ އިގްތިސާދީ ދުވެލި އޮކްޓޯބަރު-ޑިސެމްބަރުގެ މުއްދަތުގައި ވަނީ %1.4 ހަލުއިވެފައެވެ.
ކުއާޓަރަށް ބަލާއިރު، އޮކްޓޯބަރު-ޑިސެމްބަރުމަހު ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ވަނީ %1.5 ދަށްވެފައެވެ. މިއީ ލަފާކޮށްފައިވާ %0.5 ވުރެ ބޮޑު އަދަދެކެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ތައިލެންޑުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ %2.6 ހަލުއިވެފައެވެ. އޭގެ ކުރީ އަހަރު އެ ގައުމުގެ އިގްތިސާދީ ދުވެލި ވަނީ %1.5 ހަލުއިވެފައެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައި އޮތް ޗައިނާގެ ބޯޑަރު ލަފާކުރި ވަރަށް ވުރެ އަވަހަށް ހުޅުވާލުމުން 4 ވަނަ ކުއާޓަރުގައި ތައިލެންޑުގެ އިގްތިސާދީ ދުވެލި މަޑުޖެހުނު ނަމަވެސް އިގްތިސާދީ ކުރިއެރުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. މިއާއިއެކު އެކްސްޕޯޓު ކުރާ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
އެންއީއެސްޑީސީން ލަފާކޮށްފައިވާ ގޮތުގައި ތައިލެންޑުގެ މިއަހަރުގެ އިގްތިސާދީ ދުވެލި %2.7 އާއި %3.7 އާ ދެމެދުގެ މިންވަރަކަށް ހަލުއިވާނެއެވެ. ނަމަވެސް މިއީ ކުރިން ލަފާކޮށްފައިވާ %3 އާއި %4 އަށް ވުރެ ދަށް އަދަދެކެވެ.
ޗައިނާގެ ފަތުރުވެރިން ތަލެންޑަށް ޒިޔާރަތް ކުރާނެ ކަމަށް މިހާރު ބެލެވޭއިރު، އެ އިދާރާއިން މިހާރު ލަފާކުރާ ގޮތުގައި މި އަހަރު ތައިލެންޑަށް 28 މިލިއަން ބިދޭސީ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. މިއީ ކުރިން ލަފާކުރި 23.5 މިލިއަން ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ތައިލެންޑުން ކަނޑައަޅާފައި އޮތް ޓޫރިޒަމްގެ އަމާޒު މިދިޔަ އަހަރު ފަހަނައަޅައި ގޮސްފައިވަނީ 11.15 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކޮށްގެންނެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 އަހަރު ގާތްގަނޑަކަށް 40 މިލިއަން ފަތުރުވެރިންނަށް ތައިލެންޑުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މި އަދަދުގެ ފަތުރުވެރިން ވަނީ 1.91 ޓްރިލިއަން ބާތު ޚަރަދުކޮށްފައެވެ.