މިދިޔަ ޖެނުއަރީ މަހު ޓައިވާނުން އެކްސްޕޯޓު ކުރި މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދަށްވެއްޖެކަމަށް އެ ގައުމުގެ އޮޤްތިޞާދާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މިންވަރު ދަށްވެފައި މިވަނީ އޭގެ ކުރިން ވިދިވިދިގެން ފަސް މަހު ޓައިވާނުން އެކްސްޕޯޓުކުރި މިންވަރުވެސް ދަށްވުމަށްފަހުއެވެ.
އެކްސްޕޯޓުކުރި މިންވަރު ދަށްވެފައި ވަނީ ޗައިނާގެ ޑިމާންޑު ދަށްވެ، އިންފްލޭޝަން މަތިވެ އިންޓަރެސްޓު ރޭޓު މަތިވަމުން ދިއުމުގެ ސަބަބުން މުދާ ގަންނަ ފަރާތްތައް ޚަރަދު ކުރާ މިންވަރު ދަށްވުމުންނެވެ. ޓައިވާނުގެ އެކްސްޕޯޓް އޯޑަރުތައް މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު ވަނީ %19.3 އަށް ދަށްވެ، 47.51 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިކަމަށް އިގްތިޞާދާއިބެހޭ ވުޒާރާއިން ހާމަކުރެއެވެ. މިއީ އެކްސްޕޯޓުކުރި މިންވަރު ދަށްވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ %25.0 އަށް ވުރެ ދަށް ޢަދަދެކެވެ.
ޖެނުއަރީ މަހު އެކްސްޕޯޓް އޯޑަރު ދަށަށް ދިޔައީ ޑިސެމްބަރު މަހު %23.2 އަށް ދަށްވުމާއި ގުޅިގެން ކަމަށާއި ޗައިނާގެ އާ އަހަރުގެ ދިގު ޗުއްޓީގެ އަސަރު މިދިޔަ މަހުގެ އޯޑަރުތަކަށް ވެސް ކުރުމުންކަމަށް ވުޒާރާއިން ބުންޏެވެ. ނަމަވެސް ޗައިނާގެ ސަޕްލައި ޗެއިންގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން ޓެލެކޮމް އުފެއްދުންތަކުގެ އޯޑަރުތައް މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު %9.8 އަށް އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިލެކްޓްރޯނިކް އުފެއްދުންތަކަށް އޯޑަރު ކުރި މިންވަރު %21.8 އަށް ދަށްވި ނަމަވެސް އެ ދަށްވުން ފޫބައްދާފައި ވަނީ ހައި ޕާފޯމަންސް ކޮމްޕިއުޓިން އާއި އޮޓޯމޮބައިލް ޗިޕްތަކަށް އޮތް ޑިމާންޑް އިތުރުވުމުން ކަމަށް އިގްތިޞާދާއިބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެ ވުޒާރާގެ ތަފާސްހިސާބު އެޖެންސީގެ ޑިރެކްޓަރު ހޫއަންގް ޔޫ ލިންގް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޗައިނާގައި ބަލިމަޑުކަން ނިމުމުން ދިރާސާ ކުރި ދެ ހާހަށް ވުރެ ގިނަ ކުންފުނީގެ %70 އަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރެއެވެ. ސަބަބަކީ މުޅި ދުނިޔޭގެ މާކެޓްގައިވެސް ތަކެތީގެ ޑިމާންޑު ދަށްވެފައިވުމެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ މި މަހުގެ އެކްސްޕޯޓް އޯޑަރުތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު %6.9 އާއި %10.8 އާއި ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ލަފާކުރާ ކަމަށެވެ. ޓައިވާންގެ ސެމީކޮންޑަކްޓަރ މެނުފެކްޗަރިން ކޯ ލިމިޓެޑް ފަދަ ކުންފުނިތަކަކީ އެޕަލް އިންކް، ކުއަލްކޮމް އިންކް އަދި ދުނިޔޭގެ އެހެން ޓެކް ކުންފުނިތަކަށް ބޮޑެތި ސަޕްލައި ކުރާ ފަރާތްތަކެކެވެ.
ޖެނުއަރީ މަހު ޗައިނާއިން ޓައިވާނަށް އޯޑަރު ކުރި މިންވަރު މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު، %45.9 އަށް ދަށްވެފައިވާއިރު، މިދިޔަ އަހަރު ވަނީ %37.7 އަށް ދަށްވެފައެވެ. ޖެނުއަރީ މަހު އެމެރިކާއިން ޓައިވާނަށް އޯޑަރު ކުރި މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަނީ %14.7 އަށް ދަށްވެފައެވެ. މިއީ ޑިސެމްބަރު މަހު އޯޑަރު ލިބުނު މިންވަރާއި އެއްވަރުގެ އަދަދެކެވެ.
ޔޫރަޕުން ޓައިވާނަށްކުރި އެކްސްޕޯޓް އޯޑަރުތައް %18.3 އަށް އިތުރުވެފައިވާއިރު، ޑިސެމްބަރު މަހު ވަނީ %23.9 އަށް ދަށްވެފައެވެ. ޖަޕާނުން އޯޑަރު ކުރި މިންވަރު ޖެނުއަރީ މަހު ވަނީ %6 އަށް ދަށްވެފައެވެ.