ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް އެއްކުރުމަށް ބެނުންކުރާނެ އޮންލައިން ޕޯޓަލްއެއް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އިފްތިތާހްކޮށްފިއެވެ.
ވެމްކޯގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި "ވެށިފާރަ ޕޯޓަލް" އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްއެވެ.
ވެށިފާރަ ޕޯޓަލްއަކީ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ގެންނަ ކުނި ބަލައިގަތުމުގެ ކުރިން އެ ކުނި ފޮނުވާ ފަރާތާއި ގެންދާ ފަރާތާއި ކުނީގެ މިންވަރު ދެނެގަތުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ. އަދި މި ޕޯޓަލްއިން ކުނީގެ ބާވަތްތައް ދެނެގަނެ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ބޭނުންވާ ހުރިހާ މަޢޫލޫމާތުތަކެއް އެއްކުރުމަށް ބެނުންކުރާނެ ޕޯޓަލްއެއްކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
މި ޕޯޓަލްގެ ސަބަބުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ކުނި ގެންދާ ފަރާތްތަކުގެ މަސައްކަތްތައްވެސް ފަސޭހަވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ވެމްކޯގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވަނީ ކުނި މެނޭޖްކުރުމަކީ ޚަރަދުބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ތިލަފުއްޓަށް ގެންނަ ކުނި ދުވާލެއްގެ މައްޗަށް 800 ޓަނަށް އިތުރުވެފައިވާކަން ސިރާޖް ފާހަގަކުރެއްވިއެވެ.
" ވަންދޫ ކުނި މޭނޭޖްކުރާ ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. ބ އަދި ޅ އިން ކުނި ގަވައިދުން ބޭރުކުރުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކުޅުދުއްފުށިން ކުނި ނެގުމުގެ ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި. އައްޑޫ ފުވައްމުލަކުގައި ޚިދުމަތް ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް މިއަންނަނީ ކުރަމުން. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.
ވެމްކޯއިން އަންނަނީ މާލެ ސަރަޙައްދުގެ އިތުރަށް އަތޮޅުތެރޭގައިވެސް ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިވަގު ކުނި ނެގުމަށް ސަރުކާރުން ގެނެސްފައިވާ ބަދަލުން ކުނި ވަކި ކުރަން ޖެހެނީ ބައިބަޔަށެވެ. މިއީ ކުނި އުފައްދާ މިންވަރު މަދުކުރުމަށާއި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ފެށުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.