ޗައިނާގެ އީކޮމާރސް ކުންފުނި އަލީބާބާގެ އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލަފާކުރި ވަރަށް ވުރެ އިތުރުވެއްޖެކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފިއެވެ.
އާމްދަނީ އިތުރުވެފައި ވަނީ ޗައިނާގައި ފެތުރެމުންދާ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުންކަމަށް އަލީބާބާއިން ބުނެއެވެ. ޑިސެމްބަރު 31 އަށް ނިމުނު 4 ވަނަ ކުއާޓަރުގައި އަލީބާބާގެ އާމްދަނީ ވަނީ %2 އަށް އިތުރުވެ 247.76 ބިލިއަން ޔުއާނަށް އަރާފައެވެ. ރެފިނިޓިވްގެ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އަލީބާބާގެ އާމްދަނީ 245.18 ބިލިއަން ޔުއާން އަށެވެ.
ނަމަވެސް ވެންޑަރުންގެ ޕޭމަންޓް ޓްރެކްކުރާ އަދި ކުންފުނީގެ އެންމެ ބޮޑު ސޭލްސް ސެގްމަންޓު ކަމަށްވާ އަލީބާބާގެ ކަސްޓަމަރ މެނޭޖްމަންޓްގެ އާމްދަނީ ވަނީ %9 އަށް ދަށްވެފައެވެ. ޗައިނާގެ ޖުމްލަ ރީޓެއިލް ވިޔަފާރި ޑިސެމްބަރުމަހު %1.8 އަށް ދަށްވެފައިވާއިރު، މުޅި މިދިޔަ އަހަރު ޗައިނާގެ އިގްތިސާދީ ދުވެލި ހަލުއި ވެފައިވަ ވަނީ %3 އަށެވެ. މިއީ ގާތްގަނޑަކަށް ބައިގަރުނުގެ ތެރޭގައި ޗައިނާގެ އިގްތިސާދު އެންމެ ގޯސްވި ފަހަރެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތަށް ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފްކޮށް އާންމުން ހަރަދު ކުރާ މިންވަރު ވަކި ހިސާބަކުން އިތުރު ކުރި ނަމަވެސް ރީޓެއިލް ޚަރަދުތައް މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ދަށްވާނެކަމަށް ބެލެވޭކަމަށެވެ.
އިގްތިސާދީ ދުވެލި ދަށްވުމުގެ އިތުރުން އާ ގަވާއިދުތަކެއްގެ ދަށުން ޗައިނާގެ ޓެކް ކުންފުނިތަކަށް 2020 ވަނަ އަހަރުން ފެށިގެން އަޅާ ހަރުކަށި ފިޔަވަޅުތަކެއްގެ ސަބަބުންވެސް އަލީބާބާއަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.