ޚަބަރު

ހޮންޑާއާއި ޓޮޔޯޓާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ


ވެހިކަލް އުފައްދާ ޖަޕާނުގެ ދެ ކުންފުނި ކަމަށްވާ ހޮންޑާ އާއި ޓޮޔޯޓާއިން އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ބުނެފިއެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަޕާނުގެ މި ދެ ކުންފުނިންވެސް ބުނެފައި ވަނީ މުސާރަ ބޮޑު ނުކުރާތާ ގިނަ އަހަރުތަކެއް ފަހުން، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ ފަހުގެ ތާރީހެއްގައި ޖަޕާންގެ މުވައްޒަފުންތަކަކަށް ލިބޭނެ އެންމެ ބޮޑު މުސާރައިގެ ކުރިއެރުމަށް ކަމަށެވެ.

ޖަޕާންގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހޮންޑާ އާއި ޓޮޔޯޓާއިން މުސާރަ ބޮޑުކުރަން ނިންމިއިރު، މިދިޔަ މަހަކީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެ ގައުމުގައި އިންފްލޭޝަން ވެސް ރެކޯޑް މިންވަރަކަށް އުފުލުނު މަހެކެވެ.

އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމުން ހަރަދު ކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުން މުސާރަ ބޮޑުކުރުމަށް ވިޔަފާރިތަކަށާއި އޮތޯރިޓީތަކަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާތީ، މުވައްޒަފުންގެ ޔޫނިއަންއާ ބައްދަލުކޮށް އެ މީހުންގެ ޑިމާންޑްތަކާއި އެއްގޮތަށް މުސާރަ އާއި ބޯނަހުގެ އޮނިގަނޑަށް ވަރަށް އެދެވޭ ހެޔޮ ބަދަލެއް ގެންނާނެކަމަށް ޓޮޔޯޓޯއިން ބުނެއެވެ. އަދި މި ބަދަލު ވާނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޓޮޔޯޓޯގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޓޮޔޯޓާގެ ރައީސްކަމަށް އަންނަ ހަމަޖެހިފައިވާ ކޯޖީ ސާޓޯ ވިދާޅުވީ މި ފިޔަވަޅާއެކު ޖަޕާނުގެ މުޅި މޮޓޯ އިންޑަސްޓްރީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި %5 އަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށާއި މިއީ 1990 ވަނަ އަހަރަށްފަހު ދޭ މުސާރައިގެ އެންމެ ބޮޑު ކުރިއެރުންކަމަށެވެ. އެގޮތުން ޒުވާން މުވައްޒަފުން ތިބި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މުސާރައަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ހޮންޑާގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.

މިއަހަރު ކުރީ ކޮޅު ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ އަގުތައް އުފުލުމާއި ގުޅިގެން އާއްމުންނަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫތަކަށް ހައްލެއް ގެނައުމަށް އެހީތެރިވުމަށް މުސާރަ ބޮޑުކުރުމަށް ކުންފުނިތަކަށް ގޮވާލައްވާފައެވެ.