ޚަބަރު

ކަރަންޓު ބިލުގެ ތެރެއަށް ކުނި ބިލު ހިމަނައި ފީ ސްޓްރަކްޗަރ އެކުލަވާލައިފި


މާލޭގެ ގޭބިސީތަކާއި ކޮމާޝަލް ޚިދުމަތްދެމުން އަންނަ ތަންތަނުން ކުނި ނަގާ އުކާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިންނެވެ. ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުން ކުނި އުކުމަށްޓަކައި މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 150 ރުފިޔާއެވެ. މީގެ އިތުރަށް ވެމްކޯއިން ބޮޑެތި ކުނިތައް އުކައިދެމުން ގެންދާއިރު އެކަމަށް ފައިސާ ދައްކަން ޖެހެނީ ވަގުތުންނެވެ. ކުނި ކަލެކްޓް ނެގުމަށާއި، މަގުތައް ސާފުކުރުމުގެ އިތުރުން ކުނި ނެގުމަށްފަހު ތިލަފުއްޓާހަމައަށް ވަކި އުސޫލެއްގެ ދަށުން ކުނި ގެންގޮސް މެނޭޖްކުރުމުގެ މަސައްކަތް ކުރަނީ ބޮޑެތި ޚަރަދުތަކެއްކޮށްގެންނެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދުމާއި ބަރާބަރަށް ޚިދުމަތުގެ ފައިސާ ދައްކަމުން ދިއުމަކީ މުހިއްމުކަމެކެވެ.

މާލޭގައި ފެނާއި ކަރަންޓުގެ ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ އަދަދު 40000އިން މައްޗެވެ. ނަމަވެސް ކުނީގެ ޚިދުމަތަށް ރަޖިސްޓްރިކޮށް މިހާރު ޚިދުމަތް ހޯދަމުންދާ ގޭބިސީތަކުގެ ޢަދަދަކީ 14000އެވެ. މީގެތެރޭގައި ދެން ހިމެނެނީ ވިލިމާލެއިން ރަޖިސްޓްރީކޮށްފައިވާ 800 ގޭބިސީއާއި ހުޅުމާލޭގެ 4000ގޭބިސީއެވެ. ގިނަ ޢަދަދެއްގެ ބަޔަކު ރަޖިސްޓަރ ނުކޮށް ޚިދުމަތް ހޯދަމުން އަންނައިރު އަނެއްބަޔަކީ ރަޖިސްޓަރކޮށް ނަމަވެސް ބަރާބަރަށް ކުނި ބިލް ނުދައްކާ މީހުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ނިޔަލަށްވެސް ވެމްކޯއަށް ލިބެންޖެހޭ 42 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި ބިލް ނުދައްކާވާ ފަރާތްތައް ސަސްޕެންޑުކޮށް ރަނގަޅު މަޢުލޫމާތާއި ހިސާބު އެއްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިކަމުގެ ސަބަބުން ކުންފުންޏެއްގެ ޙައިސިއްޔަތުން، އެ ކުންފުނިންދޭ ޚިދުމަތަށް އާމްދަނީއެއް ނުލިބުމަކީ، ކުންފުނި ރަނގަޅަށް ހިނގައިގަތުމަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ. އެހެންކަމުން ރަޖިސްޓްރީ ނުކުރާ މައްސަލައާއި ޚިދުމަތަށް ފީ ނުދައްކާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފަށައިގަތެވެ. އަދި ކަމާ ބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން މިހާރު ވަނީ ކުނި ބިލުވެސް ޔުޓިިލިޓީ ބިލަށް އެއްކޮށްލުމަށް ނިންމާ އެ މަސައްކަތް ފަށާފައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ އެ ކުންފުނީގެ މަލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދެވޭ ޚިދުމަތްތަކަށް ހަމަ އަގު ހޯދުމަށްޓަކައި މާލޭ ސަރަޙައްދުގެ ގޭބިސީތަކުންނާއި ކޮމާޝަލް ޚިދުމަތްތަކަށް ކުރާ ބިލް ސްޓެލްކޯގެ ބިލާ އެއްކޮށްލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ކުންފުނީގެ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޚަރަދު ބެލި އައު ފީ ސްޓްރަކްޗަރ އެކުލަވާލާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅާފައިވާކަމަށެވެ.

ކުނީގެ ބިލަށް ފައިސާ ދެއްކުމަށް އުނދަގޫވާ މީހުންނަށްވެސް ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން ވެމްކޯއިން ޕޭމަންޓް އޮޕްޝަންތަކެއް ވަނީ އެކުލަވާފައެވެ. ބަލްކުކޮށް ފައިސާ ނުދައްކާ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކަން އުނދަގޫވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތްތަކެއްވެސް ވަނީ ހަދާފައެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ވެމްކޯ އުފައްދައި މާލޭގައި ވަކި އުސޫލަކުން ކުނި އުކާލުމުގެ ޚިދުމަތް ފެށީ 2017ވަނަ އަހަރުއެވެ. އެ ކުންފުނިން މިހާތަނަށްވެސް ވަނީ ކުންފުނީގެ ޚިދުމަތްތައް ރަނގަޅުކޮށް، ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

އެގޮތުން ގޭބިސީތަކުންނާއި ވިޔަފާރިތަކުން ކުނި ނަގައި އުކާލަދިނުމުގެ ޚިދުމަތް ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމާއި، ކުނި ވަކިކޮށްގެން އުކާލުމުގެ ޚިދުމަތްވެސް އެކުންފުނިން އަންނަނީ ދެމުންނެވެ.