ޚަބަރު

ތައިލެންޑުގެ އިގްތިސާދީ ދުވެލި މިއަހަރު ހަލުއިވާނެކަމަށް ލަފާކޮށްފި


ތައިލެންޑްގެ އިގްތިސާދީ ދުވެލި މިއަހަރު %3.8 ހަލުއިވާނެކަމަށް ބެލެވޭކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އިގްތިސާދީ ދުވެލި ހަލުއިވާނެ ކަމަށް ލަފާކުރައް ވަނީ ތައިލެންޑުގެ ފަތުރުވެރިކަން ކުރިއެރުމާއިއެކު އެ ގައުމުގެ އިންފްލޭޝަން އަމާޒު ހިފާފައިވާ ރޭންޖަށް ދަށްވާނެތީ ކަމަށް ތައިލެންޑުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެތެރޭގެ ހަރަދުތައް އިތުރުވެފައިވާއިރު، އިގްތިސާދީ ދުވެލި ހަލުއި ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތައް އަވަސް ކުރާނެކަމަށް ތައިލެންޑުގެ ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ގައުމުގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ތައިލެންޑުން އެކްސްޕޯޓް ކުރި މިންވަރު ދަށްވުމުން، މިހާރު އޮތް އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލެންޑުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ %2.6 އަށް މަޑުޖެހިފައެވެ.

މި އަހަރު 27.5 މިލިއަން ބިދޭސީ ފަތުރުވެރިން އަންނާނެ ކަމަށް ތައިލެންޑުގެ މާލީ ވުޒާރާއިން ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ތައިލެންޑަށް 11.15 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ލަފާކުރި ވަރަށް ވުރެ އިތުރު މިންވަރެކެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ގާތްގަނޑަކަށް 40 މިލިއަން ބިދޭސީ ފަތުރުވެރިން ވަނީ ތައިލެންޑަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއަހަރު ތައިލެންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރަނީ އެ ގައުމަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީކަމަށް މާލީ ވަޒީރު ރޮއިޓާސް ނޫހަށް މި މަހު ވިދާޅުވިއެވެ.

މީގެއިތުރުން އިންޓަރެސްޓު ރޭޓު މަތިކުރުމުން ވިޔަފާރީގެ ހަރަދާއި ގޭބިސީތަކުގެ ދަރަނި އިތުރުވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަ ވަނީ ތަކެތީގެ އަގުތައް އުފުލުން ކޮންޓްރޯލު ކުރުމަށް އިންޓަރެސްޓް ރޭޓު މަތިކުރަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވާތީއެވެ.

ހެޑްލައިން އިންފްލޭޝަން މި އަހަރު މަރުކަޒީ ބޭންކުގެ ޓާގެޓް ރޭންޖަށް އަންނަން ޖެހޭނީ ސަރުކާރުގެ ފިޔަވަޅުތަކާއި ކާބޯތަކެތީގެ އަގު ހެޔޮވުމުންކަމަށް އާކޮމް ވިދާޅުވިއެވެ. ތައިލެންޑުގެ އިންފްލޭޝަން މިދިޔަ އަހަރު ވަނީ ވޭތުވެދިޔަ 24 އަހަރުވެސް ނުދާހާ މަތީ މިންވަރެއް ކަމަށްވާ، %6.08 މަތިވެފައެވެ.

ތައިލެންޑުން އެކްސްޕޯޓް ކުރި މިންވަރު ދަށްވި ނަމަވެސް ޑޮލަރަކަށް 34 އާއި 35 އާއި ދެމެދުގެ ބާތު އެކްސްޗޭންޖް ރޭޓަކީ އެކްސްޕޯޓް އަގުތަކަށް އެހީތެރިވެދޭކަމެއް ކަމަށްވެސް ތައިލެންޑްގެ މާލީ ވަޒީރު ވިދާޅުވިއެވެ.