ޚަބަރު

ޓޮޔޯޓާގެ އުފެއްދުންތެރިކަން ޖެނުއަރީ މަހު އިތުރުވެއްޖެ


ވެހިކަލް އުފައްދާ ޖަޕާނުގެ ކުންފުނި ޓޮޔޯޓާގެ އުފެއްދުންތެރިކަން ޖެނުއަރީ މަހު %9 އަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހޯމަ ދުވަހު ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ޗިޕް ލިބުން ދަތިވުމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް މިއީ ވޭތުވެދިޔަ ދެ މަސް ދުވަސް ތެރޭގައި އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވި ފުރަތަމަ ފަހަރެވެ.

ޓޮޔޯޓާއިން ބުނީ ޖެނުއަރީ މަހު ދުނިޔޭގެ ފެންވަރުގައި 689،090 ވެހިކަލް އުފެއްދި ކަމަށާއި މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު %8.8 އިތުރުވުމެއް ކަމަށެވެ. އެހެންނަމަވެސް މިއީ ޖެނުއަރީ މަހު އުފައްދާނެ ކަމަށް މީގެކުރިން ލަފާކުރި 700،000 ވެހިކަލަށްވުރެ މަދު އަދެދެކެވެ.

ޖެނުއަރީ މަހު އުފެއްދި ޖުމްލަ އަދަދުގައި އެ ކުންފުނީގެ ޑައިހަޓްސޫ މޮޓޯ ކޯ އާއި ހިނޯ މޮޓޯސް ލިމިޓެޑް ޔުނިޓްތަކުން އުފައްދާ އުފެއްދުންތައް ނުހިމެނެއެވެ.

ޓޮޔޯޓާގެ އުފެއްދުންތެރިކަން އިތުރުވެފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްވެސް ޓޮޔޯޓާއިން ވަނީ ނިންމާފައެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާތީ، މުވައްޒަފުންގެ ޔޫނިއަންއާ ބައްދަލުކޮށް އެ މީހުންގެ ޑިމާންޑްތަކާއި އެއްގޮތަށް މުސާރަ އާއި ބޯނަސްގެ އޮނިގަނޑަށް އެދެވޭ ހެޔޮ ބަދަލެއް ގެންނާނެކަމަށް ޓޮޔޯޓާއިން ބުނެއެވެ. އަދި މި ބަދަލު ވާނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޓޮޔޯޓާގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ އެންމެ ބޮޑު ކުރިއެރުމައްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޗިޕް ލިބުން ދަތިވުމުގެ ސަބަބުން އެ ކުންފުނީގެ މުޅި ދުނިޔޭގެ ވިޔަފާރިވެސް %5.6 ދަށްވެފައިވާ ކަމަށް ޓޮޔޯޓާއިންވަނީ ބުނެފައެވެ.

ނިސްބަތުން ކުޑަ ވާދަވެރި ނިސާން މޮޓޯ ކޯ ލިމިޓެޑުން ބުނީ ޖެނުއަރީ މަހު އެކުންފުނިން ވެހިކަލް އުފެއްދި މިންވަރު 224،236އަށް ދަށްވެފައިވާ ކަމަށެވެ. ހޮންޑާ މޮޓޯ ކޯ ލިމިޓެޑުން ބުނީ ޖެނުއަރީ މަހުގެ އުފެއްދުންތެރިކަން %21.7 ދަށްވެ 280،757 ވެހިކަލަށް މަދުވެފައިވާ ކަމަށެވެ.

ޓޮޔޯޓާ އާއި ކާރު އުފައްދާ އެހެން ކުންފުނިތަކަށްވެސް އަދިވެސް ވަނީ ޗިޕް ލިބު ދަތިވުމުގެ މައްސަލައާއި ކުރިމަތިލާން ޖެހިފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ސެމީކޮންޑަކްޓަރސްގެ ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކުރި ނަމަވެސް ސެމީ ކޮންޑަކްޓަރސް މިހާރު ފަސޭހައިން ލިބެއެވެ.