ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޮޑު ބަދަލެއް ގެންނަން އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ގޮވާލައްވައިފިއެވެ. ކިމް މިގޮތަށް ގޮވާލައްވާފައި މިވަނީ އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައެވެ.
ކޮރެއާގެ ދައުލަތުގެ މަރުކަޒީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާޓީގެ ބައްދަލުވުމެއްގައި ކިމް ވަނީ ދަނޑުވެރިކަމުގެ އަމާޒުތައް ހާސިލްކޮށް އުފެއްދުން ބަދަލުކޮށް ދަނޑުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ އެޅުމުގެ މުހިންމު ކަމުގެ މައްޗށް އަލިއަޅުވާލައްވާފައެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އިންގިލާބީ ބަދަލެއް ގެންނަން ޕާޓީގެ ނުގުޑާ ފަދަ އަޒުމެއް ބޭނުންވާ ކަމަށްވެސް ކިމް ވަނީ ވިދާޅުވެފައެވެ.
ކިމް މިހެން ވިދާޅުވެފައި މިވަނީ ކާބޯތަކެތީގެ ދަތިކަން އުތުރު ކޮރެއާއަށް ކުރިމަތިވެފައިވާ ކަމަށް އަވަށްޓެރި ދެކުނު ކޮރެއާގެ ޔުނިކޭޝަން މިނިސްޓްރީން ބުނިތާ ހަފްތާއެއް ނުވަނީހެވެ.
އެމެރިކާގައި ހުންނަ ތިންކް ޓެންކް 38 ނޯތު އިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައިވަނީ 2020 އިން 2021 ގެ ނިޔަލަށް އުތުރު ކޮރެއާއިން ރެކޯޑުކޮށްފައިވާ ދަނޑުވެރިކަމުގެ އުފެއްދުންތަކުން އެގައުމުގެ ރައްޔިތުންނަށް ފުދޭވަރު ނުވާކަމަށާއި އުތުރު ކޮރެއާ މިހާރު އޮތީ ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވެއްޓިފައި ކަމަށެވެ. މީގެއިތުރުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ކާބޯތަކެތި ލިބުން ދަތިވެ، މިހާރު އޮތީ އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކާބޯތަކެތި ލިބުމުގެ ދަތިކަމަށް ދިގު މުއްދަތުގެ ހައްލަކަށް އޮތީ ނިއުކްލިއަރ މައްސަލަ ހައްލުވުމާއި، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ގެނައުމާއެކު، ހަނގުރާމަ ކުރުމާއި ބަދަލު ހިފުން ނައްތާލުމުގެ އިތުރުން އެމެރިކާއާއި އެކުވެރި ގައުމުތަކާއެކު ވިޔަފާރި އަލުން ފެށުން ކަމުގައިވެސް އެ ރިޕޯޓުގައިވެއެވެ.
އުތުރު ކޮރެއާއަށް މީގެކުރިންވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، 1990 ގެ އަހަރުތަކުގައި ކުރިމަތިވި ބަނޑުހައި ހޫނުކަމުގެ ސަބަބުން 240،000 އާއި 3.5 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން މިހާރު ކުރިމަތިވެފައި ވަނީ ދަނޑުވެރިކަން ދަށްވުމާއި މޫސުން ގޯސްވުމުގެ އިތުރުން ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ޗައިނާއާ އެކު ކުރި ވިޔަފާރި މަދުވުމުންނެވެ.