ދުނިޔޭގެ ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކެނެޑާގެ އިގްތިސާދީ ދުވެލި މަޑުޖެހިއްޖެ


ލަފާކުރިގޮތާއި ޚިލާފަށް ކެނެޑާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މަޑުޖެހިފައިވާ ކަމަށް ސްޓެޓިސްޓިކް ކެނެޑާގެ ހިސާބުތަކުން ދައްކައިފިއެވެ.

ހަތަރު ވަނަ ކުއާޓަރުގައި ކެނެޑާގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ހުރީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އެއްވަރެއްގައި ކަމަށް ސްޓެޓިސްޓިކްސް ކެނެޑާއިން ބުނެއެވެ. މިއީ ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރި އަދަދު ކަމުގައިވާ %1.5އަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ ބޭންކް އޮފް ކެނެޑާއިން ލަފާކުރި %1.3 އަށް ވުރެވެސް ދަށް އަދަދެކެވެ.

މަނީ މާކެޓްތަކުން އަދިވެސް ލަފާކުރާ ގޮތުގައި މާޗް 8 ވަނަ ދުވަހު ޕޮލިސީ އިއުލާން ކުރާއިރު ބޭންކް އޮފް ކެނެޑާގެ ބެންޗްމާކް ރޭޓް %4.50 ގައި ހިފަހައްޓާނެއެވެ.

ޖެނުއަރީ މަހު ކެނެޑާއިން ވަނީ ލަފާކުރި ވަރަށް ވުރެ 10 ގުނައަށް ވަޒީފާތައް އިތުރުކޮށްފައެވެ. އުފެއްދުންތެރިކަމާއި ރީޓެއިލް ވިޔަފާރިވެސް ޖެނުއަރީ މަހު ވަނީ ކުރިއަރާފައެވެ.

ނޮވެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކެނެޑާގެ އިގްތިސާދީ ދުވެލި %0.1 އަށް މަޑުޖެހިފައިވާއިރު، ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައި ވަނީ މި މުއްދަތުގައި ޖީޑީޕީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު %1.5 އަށް އެ ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާއިރު، 2021 ވަނަ އަހަރު ވަނީ %5 އަށް މަޑުޖެހިފައެވެ. އަދި 2022 ވަނަ އަހަރު ކެނެޑާގެ އިގްތިސާދީ ދުވެލި ވަނީ %3.5 އަށް މަޑުޖެހިފައެވެ.

ޖީޑީޕީ ދަށަށް ގޮސްފައި ވަނީ ދިޔައީ އިންވެންޓްރީ ޖަމާވުން ލަސްވުމާއި މެޝިނަރީ އާއި އިކުއިޕްމަންޓްގެ އިތުރުން ބޯހިޔާވަހިކަމުގެ ވިޔަފާރީގެ އިންވެސްޓްމަންޓް ދަށްވުމުން ކަމަށް ސްޓެޓިސްޓިކްސް ކެނެޑާއިން ބުނެއެވެ.

ތެލާއި ގޭސް ނެގުމާއި ހޯލްސޭލް ވިޔަފާރި ފަދަ ދާއިރާތައް ކުރިއަރާފައިވާތީ، ކެނެޑާގެ މިއަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވާނެ ކަމަށް ލަފާކުރާ ކަމަށްވެސް ސްޓެޓިސްޓިކްސް ކެނެޑާއިން ބުނެއެވެ.