ޚަބަރު

އިގްތިސާދު ކުރިއެރުވުމަށް ޕެރޫއިން ގިނަ ޕްރޮޖެކްޓްތަކެއް


ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތަކާއި ގުޅިގެން ހީނާރުވެފައިވާ އިގްތިސާދީ ދުވެލި ހަލުއި ކުރުމުގެ ގޮތުން ގާތްގަނޑަކަށް 9 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއު ފަށާފައިވާކަން ޕެރޫގެ ސަރުކާރުން އިއުލާނުކޮށްފިއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި މަގުތައް ތަރައްގީ ކުރުމާއި، ހަކަތަ އަދި ނަރުމަދާގެ ނިޒާމް ތަރައްގީކުރުމާއި ބެހޭ މަޝްރޫއުތައް ހިމެނެއެވެ. މަޝްރޫއުތައް މި އަހަރާއި އަންނަ އަހަރާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާކަމަށް އިންވެސްޓަރުންނާއެކު ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އެ ސްޓޭޓްގެ އެޖެންސީ ފޯ އިންވެސްޓްމަންޓް ޕްރޮމޯޝަންގެ ވެރިޔާ ހޯސޭ ސަލާޑީ ވިދާޅުވިއެވެ. އަދި ސަރުކާރުން ޕްރޮސެސްތައް ފަސޭހަކޮށް، ކޮންޓްރެކްޓްތައް ސްޓޭންޑަޑައިޒްކޮށް، އަމިއްލަ ފަރާތްތަކާ ކޯޑިނޭޓް ކުރަމުންދާކަމަށްވެސް ސަލާޑީ ވިދާޅުވިއެވެ.

ޕެރޫގައި ޕްރައިވެޓް އިންވެސްޓްމަންޓް މިދިޔަ އަހަރު %0.5 ދަށްވެފައިވާއިރު، 2021 ވަނަ އަހަރު %37.4 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އިގްތިސާދާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އިންވެސްޓަރުންނާއެކު ބޭއްވި ބައްދަލުވުމުއްގައި އިގްތިސާދާއި ބެހޭ ވަޒީރު އެލެކްސް ކޮންޓްރެރާސް ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހާއި ޖެނުއަރީ މަހު ޕެރޫގެ އިގްތިސާދަށް އަސަރުކުރި ނަމަވެސް ފެބްރުއަރީމަހު އިގްތިސާދު ރަނގަޅުވާނެއެވެ.

އަމާޒަކީ ޕްރައިވެޓް އިންވެސްޓްމަންޓްތައް މިއަހަރު %3 އަށް އިތުރުކުރުންކަމަށާއި ނަމަވެސް އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަކީ ފަސޭހަ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕެރޫގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ނިމުނުއިރު %2.68 ގައި ހުރިއިރު، މިއީ އޭގެ ކުރީ އަހަރާއި ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. ކުރީ އަހަރު އެ ގައުމުގެ އިގްތިސާދީ ދުވެލި ވަނީ %13.61 އަށް ހަލުއިވެފައެވެ.
އިގްތިސާދީ ހަރަކާތްތައް ދަށަށް ގޮސްފައިވާތީ، ވަގުތީ ސްޓިމިއުލަސް ޕެކޭޖްތަކެއް އެކުލަވާލުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑި،އައިއެމްއެފްއިން ވަނީ ފެބްރުއަރީމަހު ކުރީކޮޅު ޕެރޫއަށް ލަފާދީފައެވެ.