ޚަބަރު

ޖަނަވަރީމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ.އަތޮޅާއި އދ.އަތޮޅުން


މިދިޔަ ޖަނަވަރީމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ކ.އަތޮޅާއި އދ.އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖަނަވަރީމަހު، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 100.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި 98.9 މިލިއަން ރުފިޔާ އާއި، ސަފާރީތަކުން ލިބިފައިވާ 1.8 މިލިއަން ރުފިޔާގެ އިތުރުން ހޯމްސްޓޭ ފެސިލިޓީތަކުން ލިބިފައިވާ 2113 ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖަނަވަރީމަހު ލިބުނު ފައިސާގެ ތެރެއިން 37 މިލިއަން ރުފިޔާއަކީ ކ.އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 34.7 މިލިއަނާއި ގެސްޓްހައުސްތަކުން ލިބިފައިވާ 2.3 މިލިއަން ރުފިޔާއެވެ.

2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ އދ. އަތޮޅުން، ޖަނަވަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 12.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 8 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ.

ޖަނަވަރީމަހު އެންމެ މަދުން ގްރީން ޓެކްސް ލިބިފައިވަނީ ފުވައްމުލައް ސިޓީންނާއި ފ.އަތޮޅުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު ފުވައްމުލައް ސިޓީން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 9203 ރުފިޔާއެވެ. އަދި ފ.އަތޮޅުން ލިބިފައިވަނީ 10459 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 798 މިލިއަން ރުފިޔާއެވެ.

ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަަންނަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގައެވެ.