އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އިން 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޖެމެއިކާއަށް ދޭން ފާސްކޮށްފިއެވެ.
ޖެމެއިކާއަށް މި އެހީ ދިނުމަށް އައި.އެމް.އެފްއިން ނިންމީ އިންފްލޭޝަން މަތިވުމާއި، މާލީ ޙާލަތު ހަރުކަށިވުމާއި، ކޯވިޑްގެ ބަލިމަޑުކަން ފެތުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އިންޝުއަރެންސް ކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
އައި.އެމް.އެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕްރިކޯޝަނަރީ އެންޑް ލިކުއިޑިޓީ ލައިން، ޕީއެލްއެލް ޑީލެއްގެ ދަށުން ގާތްގަނޑަކަށް 968 މިލިއަން އެމެރިކާ ޑޮލަރާއި، އަލަށް އުފެއްދި ރެސިލިއެންސް އެންޑް ސަސްޓެއިނަބިލިޓީ ފެސިލިޓީ، އާރުއެސްއެފްގެ ދަށުން ގާތްގަނޑަކަށް 764 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ޖެމެއިކާއިން އެދުނު އެދުމަށް އައި.އެމް.އެފްގެ އެގްޒެކެޓިވް ބޯޑުން ރުހުން ދީފައިވާކަމަށެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށްވާ ޕީއެލްއެލްގެ އެހީގައި ކޯވިޑުގެ ބަލިމަޑުކަމުގެ އިތުރުން މާލީ އެހެން ގޮންޖެހުންތައް ކަމަށްވާ މުދަލުގެ އަގު އުފުލުމާއި، ލޯނު ނެގުމުގެ ރޭޓު މަތިވުމާއި، ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުން ފަދަ ކަންކަމުން އަރައިގަނެވޭނެ ކަމަށް އައި.އެމް.އެފް އިން ބުނެއެވެ.
އާރުއެސްއެފްގެ ބޭނުމަކީ، ގައުމުގެ މާލީ ދާއިރާގައި މޫސުމަށް އަންނަ ނުރައްކާތައް މެނޭޖްކުރުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރުދިނުމާއި، ފެހި މާލީ ވަސީލަތްތައް އުފެއްދުން ކަމުގައިވެސް އައި.އެމް.އެފް އިތުރަށް ބުންޏެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޖެމެއިކާގެ އިޤްތިޞާދަށް މުހިންމު އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަން ހީނަރުވެފައިވައި އޮތް ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ މިހާރު ވަނީ ރަނގަޅުވެފައި ކަމަށް އައި.އެމް.އެފް އިން ބުނެއެވެ. އަދި އާންމު ދަރަނިވެސް ދަށްވެ، 2022 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން އިންފްލޭޝަންވެސް ދަށްވަމުން އަންނަ ކަމަށް އައި.އެމް.އެފް އިން ބުންޏެވެ.
ޖެމެއިކާގެ މިދިޔަ އަހަރުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ގާތްގަނޑަކަށް %4 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އައި.އެމް.އެފް އިން ބުނެއެވެ. އައި.އެމް.އެފް އިން ލަފާކޮށްފައިވާ މި ލަފާކުރުންތަކަކީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުން ފެބްރުއަރީ މަހު ޖެމެއިކާއަށް ކުރި ޒިޔާރަތަށްފަހު ކޮށްފައިވާ ލަފާކުރުންތާއި އެއްގޮތް ލަފާކުރުންތަކެކެވެ.
ޖެމެއިކާގެ މާލި ސިޔާސަތުތަކަށް އައި.އެމް.އެފް އިން ތަޢުރީފްކޮށް، މިއަހަރު ނިމޭއިރު އެ ޤައުމުގެ އިންފްލޭޝަން މަރުކަޒީ ބޭންކުގެ އަމާޒަށް ވާސިލުވާނެ ކަމަށް ލަފާކުރި ނަމަވެސް، ޖެމެއިކާގެ އިޤްތިޞާދަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އައި.އެމް.އެފް އިން ވަނީ ބުނެފައެވެ.