ޚަބަރު

ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރަނީ


ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ޢާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ފަންތިތަކުގާއި އެކި ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އިސްނަގައިގެން ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެކު ޚާއްސަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސާރެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. ފުވައްމުލައް ސިޓީގެ ފަރާތުން ސޮއިކުރެއްވީ، މޭޔަރ އިސްމާއިލް ރަފީޤް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައިސާ މަރިޔަމް ދިޔާނާއެވެ.

މި ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގެ ޑަބްލިއު.ޑީ.ސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ މުއްދަތައް (ޓްރެއިން އޮފް ދަ ޓްރެއިނަރ) ޓީ.އޯ.ޓީ ސެޝަނެއް ހިންގޭނެވެ.

މި ސެޝަންތަކުގައި ކުނި މެނޭޖްކުރުމުގެ ޤާނޫނާއި، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރަމުންދާ މަސައްކަތާގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި، ފުވައްމުލައް ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ސެޝަންއެއްވެސް ވަނީ ރާވައިފައެވެ.

މި ޓީއޯޓީ ސެޝަންތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ގޭބީސީ ތަކަށްގޮސް މަޢުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއު.ޑީ.ސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައެވެ. މި ޓީއޯޓީ ސެޝަންތަކަށްފަހު ޑަބްލިއު.ޑީ.ސީ މެމްބަރުންގެ ފަރާތުން އެކުލަވާލާ ވަކި ޚާއްސަ ޕްލޭނެއްގެ ދަށުން ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ހިންގޭނީ މިނިސްޓްރީން މުޅިރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުންނެވެ.