ޚަބަރު

ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ޕީއެސްއެމްނިއުސް ޓީމުގެ މެންބަރަކަށް ވުމުގެ ފުރުޞަތު


މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަވަރޭޖް ގެނެސްދިނުމުގައި ޕީއެސްއެމްގެ ނިއުސް ޓީމާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން ޕީއެސްއެމް ނިއެސްޓީމާ ގުޅިގެން މަސައްކަތްކުރުމަށް، ސްޓްރިންގަރއަށް ވުމުގެ ފުރުޞަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން https://forms.gle/DqtGC7xN4bkohNTG7 މި ލިންކް ނުވަތަ ކިޔު.އާރް ކޯޑުގައިވާ ގޫގުލް ފޯމް ފުރިހަމަކުރަންޖެހެއެވެ. މިފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއާއި 3 މަސްނުވާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހަޅަންޖެހެއެވެ.

ސްޓްރިންގަރސްއަށް ވާ ކޮންމެ މީހަކަށް އިންތިޚާބީ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މިފަރާތްތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް ހުންނަ ސަރަޙައްދުތަކުގައެވެ. ސްޓްރިންގަރސްއިން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކަކީ ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހިންގާ ހަރަކާތްތަކާއި، ވޯޓުގެ ނަތީޖާއާ ވޯޓާގުޅޭ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އެހެނިހެން މެޓީރިއަލްސްތައް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. މިތަކެތި ފޮނުވުމަށް ސްޓްރިންގަރއަށްވާ މީހާގެ އަތުގައި ސްމާޓް ފޯނުފަދަ ޑިވައިސްއެއް އޮންނާންވާނެއެވެ.

ސްޓްރިންގަރއަކަށްވުމަށް އެދި ހުށައަޅާ މީހާއަކީ ޖީސީއީ އޯލެވެލް އިމްތިޙާން ހަދާފައިވާ މީހަކަށް ވާންވާނެއެވެ. ނުވަތަ ބްރޯޑްކާސްޓިން، ޖަރނަލިޒަމް ފަދަ މީޑިއާއާ ގުޅުން ހުރި ދާއިރާއާ ގުޅޭ ބޭސިކް ކޯހެއް ހަދާފައިވާ މީހަކަށް ވުމާއި، އެ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އެމީހާއަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރު ގައިކަމަށެވެ.