ޚަބަރު

ގަން އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ޙަވާލުކޮށްފިއެވެ.

މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާރމަން ސިލްވަސުންދަރަމްއެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ އިޤްތިޞާދާއި ޢާއްމު އިޖުތިމާޢީ އެތައް ކަމަކާއި ގުޅިފައިވާ މުހިއްމު އެއަރޕޯޓެކެވެ. އައްޑޫގެ ތަރައްޤީއަށް އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ފެންވަރު ރަނގަޅު އެއަރޕޯޓެއް ނެތުންކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެކުނުގެ ތަރައްޤީގެ މައި ދޮރާށި އަޕްގްރޭޑްކުރުމަށް ސަރުކާރުން މިހާރު މިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީި އައްޑޫގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ އެއަރޕޯޓް މަޝްރޫޢާ ގުޅި ލާމެހިފައިވާ މަޝްރޫޢުތަކެއްކަމަށެވެ. ގައިސް ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް ނިމިގެންދާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ވަޞީލަތްތައް ޤާއިމްކޮށްފައިވާ ތަނަކަށްކަމަށެވެ.

" މިޕްރޮޖެކްޓާއެކު އައްޑޫ އެއަރޕޯޓުން އިތުރު ކަންތައްތަކެއް ކުރުމަށްވެސް ހަމަޖެހިފައި އެބަވޭ. އެގޮތުން ގަމުގައި 130 ކޮޓަރީގެ ދޫގަސް ހޮޓަލާއި 50 ކޮޓަރީގެ ބުޓީ ކޮޓަރީގެ މަސައްކަތްތައް ފެށިގެންދާނެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް އައްޑޫ ސިޓީއާއި ދެކުނުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ މަސައްކަތްތަކެއް. އެއަރލައިންތަކާއި ޕަސިންޖަރުންނާއި ވިޔަފާރިވެރިންނާއި ރިސޯޓް، ގެސްޓްހައުސް ހިންގާ މީހުންނަށާއި ރައްޔިތުންނަށް މަންފާ ކުރާނެ."އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވިއެވެ.

އިންޑިއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ދާ ބާރުދުވެލީގައި އައްޑޫ އެއަރޕޯޓުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަން ފާހަގަކުރައްވާފައެވެ. ސަފީރު ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ މަޝްރޫޢުތައް އައްޑޫ ސިޓީގައި ކުރިއަށް ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މިމަޝްރޫޢުތަކާއެކު އައްޑޫ ސިޓީއަށާއި އެ ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ޤަބޫލު ކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

" އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މިހާރުވެސް ވަނީ އިތުރުކޮށްފައި. މިގޮތުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަރައްޤީކުރުމާއި، މަސް ބަންދުކުރާ ތަނާއި ޑިޓޮކްސް ސެންޓަރ ފަދަ ތަންތަން ހިމެނޭ. މި މަޝްރޫއުތަކަކީ މިހާރުވެސް ނިމެމުން އަންނަ މަޝްރޫޢުތައް."އިންޑިއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރެވިގެންދާނެއެވެ. އަދި އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމާއި، އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައްވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ

ސަރުކާރުން ވިދާޅުވާ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ. އަދި މިއެއަރޕޯޓާއެކު ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ މުހިއްމު މަޝްރޫޢަކަށް މި މަޝްރޫޢު ވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އައްޑޫ ސިޓީއަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.