އިނގިރޭސިވިލާތުގައި 100 ފިހާރަ ހުޅުވަން އެމެރިކާގެ ކޮފީހައުސް ސްޓާބަކްސްއިން ނިންމައިފިއެވެ.
އައު ފިހާރަތައް ހުޅުވަން ނިންމާފައިވާއިރު، މިހާރު ހުރި ކެފޭތައް އިތުރަށް ތަރައްގީ ކުރުމަށް އެތައް މިލިއަން ޕައުންޑެއް އިންވެސްޓް ކުރަންވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެ ކުންފުނިން މިކަން އިއުލާނުކޮށްފައި މިވަނީ ކުންފުނީގެ ވިޔަފާރި އިނގިރޭސިވިލާތުގައި މިދިޔަ އަހަރު ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުންފުނި އިތުރަށް އިނގިރޭސިވިލާތުގައި ފުޅާކުރަން ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ އިންފްލޭޝަން ވަނީ ވޭތުވެދިޔަ 40 އަހަރުވެސް މަތި ނުވާހާ ބޮޑަށް މަތިވެފައެވެ.
އިނގިރޭސިވިލާތުގައި ހުޅުވާ ފިހާރަތަކުގެ އިތުރުން ޔޫރަޕްގެ އެހެން ރަހައްދުތަކާއި މެދުއިރުމަތި އަދި އެފްރިކާ،އީއެމްއީއޭ ގައި 300 އާ ފިހާރަ ހުޅުވުމަށްވެސް އެ ކުންފުނިން ވަނީ ރާވާފައެވެ. ނަ
ކުންފުނީގެ އީއެމްއީއޭގެ ވިޔަފާރި ލީޑް ކުރައްވާ ޑަންކަން މޮއިއާ ވިދާޅުވި ގޮތުގައި ކުންފުނީގެ އިގްތިސާދީ ކުރިމަގާއިމެދު އޭނާ ކަންބޮޑުވެއެވެ. އެގޮތުން އެހެން ގިނަ ވިޔަފާރިތަކެކޭ އެއްފަދައިން ސްޓަބަކްސްއަށްވެސް ޑްރައިވަރުންގެ ދަތިކަމާއި ސަޕްލައި ކުރާ ފަރާތްތަކުގެ ހަރަދު ބޮޑުވުމާއި ޝިޕިން ލަސްވުން ފަދަ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަކަތައިގެ ބިލް ބޮޑުވުމާއި މުވައްޒަފުންގެ އުޖޫރަ ބޮޑު ކުރުމަށް ޑިމާންޑްކުރުމާވެސް ކުންފުންޏަށް ކުރިމަތިލާން ޖެހިފައިވާކަމަށް ޑަންކަން ވިދާޅުވިއެވެ.
ސްޓާބަކްސްއިން ބުނިގޮތުގައި ކޯވިޑުގެ ބަލިމަޑުކަމަށްފަހު އެމީހުންގެ ކަސްޓަމަރުންގެ އާދަތަކަށް ވަނީ ބަދަލު އައިސްފައެވެ. އެހެންވެ ޑްރައިވް ތްރޫ ބްރާންޗްތައް އިތުރުކޮށް ފިހާރަތަކުގެ ޑިޖިޓަލް ކެޕޭސިޓީތަކަށް އިންވެސްޓްކުރަން ނިންމާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ގޭގައި ތިބެގެން ގިނަ ބަޔަކު މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން ސިޓީ ސެންޓަރުތަކާއި ރޭލު ސްޓޭޝަންތަކުގައި ހުންނަ ކެފޭތަކުގެ ވިޔަފާރި ކުރިއަރާލެއް ލަސްކަމަށްވެސް ސްޓާބަކްސްއިން ބުނެއެވެ.
އާ ފިހާރަތައް ހުޅުވަން ނިންމާފައިވާއިރު، ކުންފުނީގެ އިނގިރޭސިވިލާތުގެ އޮޕަރޭޝަންތައް ވިއްކާލަން ނިންމާފައިވާކަމަށްވެސް މިދިޔަ އަހަރު ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސްޓާބަކްސްއިން އިނގިރޭސިވިލާތުގެ ވިޔަފާރި ވިއްކާލަން ވިސްނަމުން ދިޔައީ އެހެން ޗެއިންތަކުގެ ވާދަވެރިކަން އިތުރުވަމުންދާތީއެވެ. އިނގިރޭސިވިލާތުގައި 1998 ވަނަ އަހަރު ތައާރަފްކުރި ސްޓާބަކްސްގެ 1000 އަށް ވުރެ ގިނަ އައުޓްލެޓް އެ ގައުމުގައި މިހާރު ހުރެއެވެ.
ދިރިއުޅުމުގެ އަގުތައް މަތިވެ މުވައްޒަފުން ލިބުން ދަތިވުމުގެ ސަބަބުން މުޅި އިނގިރޭސިވިލާތުގެ ގިނަ ހޮސްޕިޓާލިޓީ ކުންފުނިތަކުން އަންނަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަމުންނެވެ.