މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 5 ދިވެހިން ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، މިމަހު 4ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާކަމަށެވެ. އަދި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދުނުކަމަށް ޙަމީދު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، 4 މާޗު ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވޭ. މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރުހެނުން ހައްޔަރުކޮށް، 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދުނު. pic.twitter.com/FgsznqayHq
— Mohamed Hameed (@M_Hameedh) March 7, 2023
ސީޕީ ޙަމިދުގެ ޓްވީޓްގައި ވަނީ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެންނަ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަނީ ދޮންނަ މެޝިނެއްގައި އެތަކެތި ފޮރުވާފައި ހުޓައެވެ.
މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލާގެންފައިވެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ޤައުމީ ލެވެލްގެ ޚާއްސަ ޓާސްކްފޯހެއް އުފައްދާ އަންނަނީ މަސައްކަތްކުރަމުންނެވެ.