މ.ވޭވަށު ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުންވެސް އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ވޯޓުގެ ޢަދަދަށްވަނީ ބަދަލު އައިސްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވަނީ، ކޮޕްލަޔަންސް ބިއުރޯއަށް ލިބިފައިވާ ޝަކުވާއެއް ބެލުމަށްފަހުގައެވެ.
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ.ވޭވަށު ކައުންސިލްގެ މެމްބަރުކަމަށް 2 ފަރާތަކުންވަނީ ވާދަކޮށްފައެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މުޙައްމަދު ނަޒީޙް އަދި އެމްޑީޕީގެ ފަރާތުން އަހުޝަން ނަޢީމެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަހުޝަން ނަޢީމަށް 122 ވޯޓު ލިބިފައިވާއިރު މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 120 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޭވަށުގެ މިވޯޓު ފޮށި އަލުން ގުނާފައިވަނީ މިފޮށީގެ ބާތިލުވީ ވޯޓުތަކާއި ގުޅިގެން ނަތީޖާ ޔަގީން ނުވާކަމަށްބުނެ ހުށައެޅުނު މައްސަލައަކާއި ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ބާތިލު ވޯޓާއެކު ކޮންމެ ކެންޑިޑޭޓަކަށްވަނީ 1 ވޯޓު މަދުވެފައެވެ. އަލުން ގުނުމުން ވޯޓުގެ ޢަދަދަށް ބަދަލު އައިނަމަވެސް، ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާދެއެވެ. އަލުން ގުނުމުން މިވޯޓު ފޮށިން ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 83 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 76 ވޯޓެވެ.
މިވޯޓު ފޮއްޓަށް ލާފައިވާ ވޯޓުތައް ބާތިލުވެފައިވަނީ ވޯޓުލުމަށްޖަހަންޖެހޭ ރަނގަޅު ފާހަގައިގެ އިތުރުން ވޯޓު ކަރުދާހުގައި ކުރެހުމުގެ ސަބަބުންނާއި އިންތިޚާބުކުރަންޖެހޭ މެމްބަރުންނަށް ވޯޓުލުމަށް ފާހަގަޖަހާފައި ނުވުމުގެ ސަބަބުންނެވެ.
މ.ވޭވަށު ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ޙައްގު ލިބިފައިވާ 256 މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކައުންސިލް މެމްބަރުން ހޮވުމަށް 247 ފަރާތަކުން ވޯޓުލާފައިވާއިރު މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 7 ވޯޓުވަނީ ބާތިލްވެފައެވެ.
މިއިންތިޚާބުގައި ދެލައްކަ ނުވަދިހަހާހަށްވުރެ ގިނަ މީހުންވަނީ ވޯޓުލާފައެވެ. އިންތިޚާބުގައި ވަގުތީ ނަތީޖާ ގިނަ ފޮށިތަކުގައި ހާމަކުރައްވާފައިވާއިރު މިހާތަނަށް ވަގުތީ ނަތީޖާ ހާމަނުކުރެވި ހުރީ ޝަކުވާތަކާއި ގުޅިގެން އަލުން ގުނަންޖެހޭ ފޮށިތަކުގެ އެކަނިކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. މިފޮށިތަކުގެ ނަތީޖާއާއެކު ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.