އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން 30 ދުވަހުގެ ތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން އަންގައިފިއެވެ.
އީޕީއޭއިން މިގޮތަށް އަންގާފައި މިވަނީ މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތް ކުރުން އިތުރުވެފައި ވާތީއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ނެރުނު އިޢުލާނުގައި ވިދާޅުވީ މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެފަދަ މަސައްކަތް ކުރުން އިތުރުވެ، މީހުންނަށް ތަފާތު އެކި އުދަނގޫތައް ވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ ގޮތުން އެ މީހުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެޖެންސީއަށް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް އީޕީއޭއިން ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ހުއްދަ ނެތި އެފަދަ މަސައްކަތްތައް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް އީޕީއޭގެ އިއުލާނުގައި ވެއެވެ.
އެ އެޖެންސީން ވިދާޅުވީ އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަކީ ކުނީގެ އަދަދު މަދުކުރުމަށް ކުރެވޭ ކަމަކަށް ވިޔަސް، އެ މަސައްކަތްތައް ކުރަން ވާނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަން ޖެހޭ ހުއްދަތައް ނަގައިގެންކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތް ކުރުމަށްޓަކައި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދުމަށް ވަނީ އަންގާފައެވެ.
އިންސާނުންގެ ސިއްހަތާއި އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ، އެފަދަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެ އެޖެންސީއަށް މިކަމުގައި އެއްބާރުލުން ދިނުމަށް ވެސް އީޕީއޭއިން އިލްތިމާސްކުރައްވައެވެ.
މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި ނުރައްކާތެރި ބާވަތްތަކުގެ އެއްޗެތި ގުދަންކުރުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އެގޮތަށް ގުދަން ކޮށްފައި ހުންނަ އެއްޗެތީގެ ސަބަބުން މީގެ ކުރިންވެސް ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވެއެވެ.