އޮސްޓްރޭލިއާ އިން ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް އޮސްޓްރޭލިއަން ބިއުރޯ އޮފް އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް، އޭބީއޭއާރުއީއެސް އިން ހާމަކޮށްފިއެވެ. މިއާއިއެކު އެގައުމުގެ ދަނޑުވެރިން ލަފާކުރާ ގޮތުގައި މިއަހަރަކީ ދަނޑުވެރިކަމުން ރަނގަޅު ނަފާއެއް ލިބޭނެ އަހަރަކަށް ވާނެއެވެ.
ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައި މިވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޮސްޓްރޭލިއާގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވަނިކޮށެވެ. އޭބީއާރުއީއެސް އިން ބުނި ގޮތުގައި ޖޫން މަހުގެ ނިޔަލަށް ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރު 75 ބިލިއަން އެމެރިކާ ޑޮލަރު އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
"އަހަރެމެންގެ ނަސީބު ރަނގަޅު. ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވީ ވާރޭ ވެހުމުގެ ސަބަބުން. ނަމަވެސް އެއީ ރަނގަޅު ވަގުތުގައި ވާރޭ ވެހިގެން." މެލްބަންގެ ލާ ޓްރޯބް އިންސްޓިޓިއުޓް ފޯ އެގްރިކަލްޗާ އެންޑް ފުޑްގެ ޑިރެކްޓަރު ޓޯނީ ބަސިޗް ބީބީސީ ނޫހަށް ވިދާޅުވިއެވެ.
ރެކޯޑު އަދަދަކަށް އުފެއްދުންތައް އިތުރުވީ ދަނޑުތައް ރަނގަޅަށް ހެދުމުންނާއި ތަކެތީގެ އަގު އުފުލުމުންކަމަށް އޭބީއޭއާރްއިސްގެ ޖޭރެޑް ގްރީންވިލް ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި އަގުތައް އުފުލެން މެދުވެރިވީ މި ބާވަތްތައް އެކްސްޕޯޓުކުރާ އެހެން ގައުމުތަކުގައި ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ކަމަށް ގްރީންވިލް ވިދާޅުވިއެވެ. ގޮދަން ފުށުގެ ބާވަތްތައް ހިމެނޭ ގޮތަށް ދަނޑުވެރިކަމުގެ ބާވަތްތައް ގިނައިން އެކްސްޕޯޓުކުރާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންވެސް އަގުތައް އުފުލިފައިވާކަމަށް ގްރީންވިލް ވިދާޅުވިއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އޮސްޓްރޭލިއާގެ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ. އޭގެތެރޭގައި އޮސްޓްރޭލިއާއިން އެންމެ ގިނައިން އެކްސްޕޯޓް ކުރާ ބާވަތްކަމަށްވާ ގޮދަން ފުށުގެ އަގުވެސް ހިމެނެއެވެ. ނަމަވެސް ލާ ނީނާ ކިޔާ މޫސުމީ ކާރިޘާގެ ބާރު މިހާރު ކުޑަވަމުންދާތީ، ކުރިއަށް އޮތް މަސްތަކުގައި ހަނަފަސްކަން އަންނާނެ ކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ލާ ނީނާ ދުވަސްވަރު ދުނިޔޭގެ ފިނިހޫނުމިން ދަށްވެ، ކެނެޑާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. އޮސްޓްރޭލިއާގެ ނޭޝަނަލް ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރ ސޯނިއާ އަކްތަރް ގަބޫލުކުރާ ގޮތުގައި އޮސްޓްރޭލިއާގައި އުފެއްދުންތެރިކަން އިތުރުވުމުން ފެންބޮޑުވުމުންނާއި އެހެނިހެން ހާދިސާތަކުން ލިބުނު ގެއްލުމުގެ ބަދަލު ލިބިއްޖެއެވެ.
ނަމަވެސް އަންނަ އަހަރު ހަނަފަސް ވާނެކަމަށް ލަފާކޮށްފައިވާތީ، ދަނޑުވެރިކަމުގެ އުފެއްދުންތައްވެސް މަދުވުން އެކަށީގެންވާ ކަމަށް ސޯނިއާ ވިދާޅުވިއެވެ. މިއާއިއެކު އޮސްޓްރޭލިއާ އިން އެކްސްޕޯޓުކުރާ މައިގަނޑު ކާބޯތަކެތި އެކްސްޕޯޓުކުރާ މިންވަރުވެސް މަދުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އޮސްޓްރޭލިއާއަށްވެސް ވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އޮސްޓްރޭލިއާގެ އަމިއްލަ ކާބޯތަކެތި އުފެއްދުމަށް ވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ތާޒާ މޭވާއާއި ތަރުކާރީގެ ދަތިކަން ކުރިމަތިވިއެވެ. ލެޓިއުސްގެ އަގު 6.70 އެމެރިކާ ޑޮލަރުގައި ހުއްޓައި ނަގާފައިވާ ފޮޓޯތަކެއްވެސް އޭރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ފާސްޓް ފުޑް ކުންފުނި ކޭއެފްސީ ޖޫން މަހު ބުނެފައިވާ ގޮތުގައި ލެޓިއުސް ލިބުން ދަތިވުމުން ބާގަރ އާއި ވްރެޕްސްއަށް ބަދަލުގައި ކެބެޖް ލާން ޖެހުނެވެ.