ޗައިނާގެ ދެ ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ ވާވޭ އާއި ޒެޑްޓީއީ އިން އުފައްދާ 5ޖީ ނެޓްވޯކްގައި ބޭނުންކުރާ ބައެއް ކޮމްޕޯނެންޓްތައް ބޭނުންކުރުން މަނާކުރަން ރާވާކަމަށް ޖަރުމަނުވިލާތުގެ ސަރުކާރުގެ މަސްދަރަކުން ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިތަކެތި ބޭނުންކުރުން މަނާކުރަން ޖަރުމަނުވިލާތުން ނިންމަނީ ސަލާމަތީ ކަންބޮޑުވުންތައް ހައްލު ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
މަނާކުރަން ރާވާ ކޮމްޕޯނެންޓްތަކުގެ ތެރޭގައި މިހާރުވެސް ނެޓްވޯކްތަކުގައި ބިނާކޮށްފައިވާ ކޮމްޕޯނެންޓްތައް ހިމެނިދާނެ ކަމަށާއި އެ ކޮމްޕޯނެންޓްތައް ނަގައި ބަދަލުކުރަން އޮޕަރޭޓަރުން ޖެހޭ ކަމަށް ޖަރުމަނުވިލާތުގެ މީޑިއާތަކުން ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާއި ގުޅިގެން އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ކަށަވަރުކޮށްދިން ގޮތުގައި ޖަރުމަނުވިލާތުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ، ޗައިނާ އާއި އޮންނަ ގުޅުން ފުޅާ ދާއިރާއެއްގައި އަލުން މުރާޖާ ކުރަމުން އަންނަ އަންނައިރު، އެ ޤައުމުގެ ސަރުކާރުން ދަނީ ޓެލެކޮމް ޓެކް ސަޕްލައި ކުރާ ފަރާތްތަކުގެ އާންމު ރިވިއުއެއް ކުރަމުންނެވެ. ނަމަވެސް އެއްވެސް އޮޕަރޭޓަރަކަށް ޗައިނާގެ ކުންފުނިތަކުގެ ވަކި ކޮމްޕޯނެންޓްތަކެއް އެމީހުންގެ 5ޖީ ނެޓްވޯކްތަކުގައި ބޭނުންކުރުން އަދި މަނާކޮށްފައި ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"މައިގަނޑު ބަދަލަކީ ސެކިއުރިޓީ ރިސްކްތައް ކުރިމަތިވެދާނެތީ އަޅާ މި ފިޔަވަޅުތައް މިހާރު ހުރި ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތަކުގެ ކޮމްޕޯނެންޓްތަކަށް ވެސް އަމަލުކުރުން،" ތަރުޖަމާނު ވިދާޅުވިއެވެ. އަދި ބަދަލު ކުރަންޖެހޭ ކޮމްޕޯނެންޓްސްތަކުގެ ބަދަލު ނުލިބޭނެ ކަމަށްވެސް ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.
ރޮއިޓާސް ނޫހަށް ލިބުނު މި ރިވިއުއާއި ބެހޭ އިންޓީރިއާ މިނިސްޓްރީގެ ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ވަކި ސަޕްލަޔަރަކު ސީދާ ނުވަތަ ނުސީދާ ގޮތެއްގައި އެހެން ސްޓޭޓެއްގެ ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް ބެލެވޭނަމަ ކްރިޓިކަލް ކޮމްޕޯނެންޓްތައް ފޯރުކޮށްދިނުން މަނާކުރެވިދާނެއެވެ.
ރޯޑިއަމް ގްރޫޕްގެ ޗައިނާ ޕްރެކްޓިސްގެ މެނޭޖިން އެޑިޓަރ އަދި ޖަރުމަނުވިލާތާއި ޗައިނާގެ ގުޅުން ދިރާސާކުރާ ފަރާތެއް ކަމަށްވާ ނޯއާ ބާކިން ވިދާޅުވި ގޮތުގައި މިއީ ޗައިނާއާއި ގުޅުން ހުރި ނުރައްކާތަކަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކާތަކެއް ކަމަށް ޖަރުމަނުވިލާތުގެ ސަރުކާރުން ނަގާ ކަމުގެ އިޝާރާތެއް ކަމަށެވެ. ނަމަވެސް ޖަރުމަނުވިލާތުގެ 5ޖީ ނެޓްވޯކް އޮތީ ޗައިނާގެ ސަޕްލަޔަރުންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި، މިކަން ބަދަލު ކުރަން ގިނަ އަހަރުތަކެއް ހޭދަވާނެ ކަމަށް ބާކިން އިތުރަށް ވިދާޅުވިއެވެ.
ވާވޭ އާއި ޒެޑްއީޓީ އިން އަދި ޗައިނާ ސަރުކާރުންވެސް މިކަން ދޮގުކުރެއެވެ. ވާވޭގެ ތަރުޖަމާނަކު ބުނީ މިކަމާއި ގުޅިގެން އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. ޖަރުމަނުވިލާތަށާއި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ޓެކްނޮލޮޖީ ފޯރުކޮށްދިން 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ރަގަޅު ސެކިއުރިޓީ ރެކޯޑެއް އޮތް ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.
ޒެޑްޓީއީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން އުފައްދާ ތަކެތި ރައްކާތެރި ނޫން ކަމަށް ބުނާ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.