ޚަބަރު

އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަނީ


އައްޑޫ ސިޓީ ހިތަދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިޔަން އެއްލައްކަ ރުފިޔާ ހުށައަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

ސަރުކާރުން އައްޑޫ ސިޓީ ހިތަދޫގައި ހައުސިން ޔުނިޓްތައް އެޅުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫސިޓީ ރަށްތަކުން ގޯތި ދޫކުރުމަށް ނިންމާފައެވެ. އެގޮތުން އައްޑޫސިޓީގެ 3 ރަށަކުން 500 ބަންޑާރަ ގޯތި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން އެސިޓީގެ ހުޅުދޫ އާއި މީދޫ ހިމެނޭހެން ކޮންމެ ރަށަކުން 2000 އަކަފޫޓްގެ 100 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. އަދި ފޭދޫން 1500 އަކަފޫޓްގެ 300 ބަންޑާރަގޯތި ދޫކުރުމަށްވަނީ ނިންމާފައެވެ.

އައްޑޫސިޓީގެ ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރު ވަނީ ވެފައެވެ. އަދި ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ. އެތައް އަހަރަކަށް ފަހު އައްޑޫސިޓީން ގޯތި ދޫކުރަން ނިންމާފައިވާއިރު، އެ ސިޓީއަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.