ޚަބަރު

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ދެނީ


ހައްޖު ކޯޕަރޭޝަނަށް މިފަހަރު ލިބޭ ކޯޓާގެ ތެރެއިން %5 ޚާއްސަކުރާނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އެ ކުންފުންޏަށްދޭ ކޯޓާގެ ތެރެއިން %5 ޚާއްސަކުރާނީ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުންގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންނަށްކަމަށެވެ. އަދި އެމީހުންނަކީ މިހާތަނަށް ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ވާންޖެހޭކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އެކަމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ. މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ހާއްސަ ކުރާ ކޯޓާއަށް ހުށަހެޅޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށްކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާއެވެ. ސަރުކާރުން ގެންދަނީ މިއަދަދު 2500 އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޙައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ރޯދައިގެ ކުރިން އޮންނަ މުއްދަތުގެ ތެރޭގައި އިވެލުއޭޝަންގެ މަސައްކަތް ނިންމުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި ދިނުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އިތުރު 3 ގްރޫޕަށް ބާކީ ކޯޓާތައް ދިނުމަށް ވަނީ ނިންމާފައެވެ. މިއިން ކޮންމެ ގްރޫޕަކަށް 90 ކޯޓާ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.