ޚަބަރު

ރަޝިޔާގައި ހުންނަ ހަޔުންޑާއީގެ ކާރުހާނާ ވިއްކާލަނީ


ރަޝިއާގައި ހުންނަ ދެކުނު ކޮރެއާގެ ހަޔުންޑާއީގެ މޮޓޯ ކޯ ކުންފުނީގެ ކާރުހާނާ ކަޒަކިސްތާނުގެ ކުންފުންޏަކަށް ވިއްކާލުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނެފިއެވެ.

މިދިޔަ އަހަރު ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހެދި، ކާރުހާނާތަކަށް ބޭނުންވާ ހައިޓެކް އިކުއިޕްމެންޓު ލިބުން ދަތިވުމާއި އެނޫންވެސް ސަބަބުތަކާއި ހެދި ރަޝިއާގައި ހުންނަ ގިނަ ކާރުހާނާތަކެއް ވަނީ ބަންދުކޮށްފައެވެ.

ރަޝިޔާގެ ޕީޓާސްބާގްގައި ހުންނަ ހަޔުންޑާއީގެ ކާރުހާނާ ވިއްކުމަށް ކަޒަކިސްތާނާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ހަޔުންޑާއީގެ ކާރުހާނާ ކަޒަކިސްތާނުގެ އަސްތާނާގައި ހުންނަ އޮޓޯއާއި ގުޅުން ހުރި ކުންފުންޏަކަށް ވިއްކުމުގެ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. އަދި އެ އެއްބަސްވުމުގައި ޖޫން މަހުގެ ކުރީކޮޅު ސޮއިކުރެވިދާނެ ބެލެވޭކަމަށްވެސް އެ ކުންފުނިން ބުނެފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ހަޔުންޑާއީން ރަޝިޔާގައި ހިންގާ ވިޔަފާރި މިދިޔަ މާޗްމަހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވިޔަފާރި ހުއްޓާލި ސަަބަބާއި ގުޅޭގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކައެވެ.