ޚަބަރު

ކުދި ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން މުހިއްމު: ޝާހިދު


ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުންނާއި، އުފެދުމުގައި ހުރި ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ޚާއްސަ ޙައްލުތަކެއް ބޭނުންވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުގެ ބަރލިންގައި ކުރިއަށްދިޔަ "ބަރލިން އިކޮނަމިކް ފޯރަމް 2023"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި އެޤައުމުތަކުގެ ޙާލަތު ވަޒަންކުރުމަށް ޚާއްސަ ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން އ.ދ.ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވިއިރު ފެއްޓެވި މަސައްކަތެއް ކަމަށްވާ "މަލްޓި ޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

2004 ވަނަ އަހަރު ހިނގައިދިޔަ އިންޑިއާ ކަނޑުގެ ސުނާމީއާއި ކޮވިޑް-19 ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވާ، އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ޤައުމުތަކަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން މުހިއްމުކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.


ހަމައެއާއެކު މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އަދި އެގޮންޖެހުންތަކަކީ ހަމައެކަނި ކުދި ޤައުމުތަކަށް ދިމާވާނެ ގޮންޖެހުންތަކެއް ނޫން ކަމަށާއި، ޔޫރަޕް، އުތުރު އެމެރިކާ އަދި އެފްރިކާގެ އެކި ސަރަހައްދުތަކަށް މިހާރުވެސް މިކަމުގެ ގެއްލުންތައް ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބިންތިރި ޤައުމަށް ދިވެހިރާއްޖެ ވީހިނދު، ދުނިޔޭގެ ފިނިހޫނުމިނުގައި 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ދިވެހިރާއްޖެއަށް މަރުގެ ހުކުމެއް އައުމާ އެއްފަދަކަމެއްކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސުލްހައާއި ރައްކަތެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމުގައި ކުދި ޤައުމުތަކަކީ ބަސް ބުނެވޭ، ބަސް ވިކޭ ބަޔަކަށް ވެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ދުނިޔެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ކުދި ޤައުމުތަކުގެ އަޑުއެހުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ބަރލިން އިކޮނަމިކް ފޯރަމަކީ އެކެޑަމީ އޮފް ކަލްޗަރަލް ޑިޕްލޯމަސީ އިން އިންތިޒާމުކޮށް މިހިނގާ މާރޗް މަހުގެ 6އިން 10އަށް ކުރިއަށްގެންދިޔަ ބައިނަލްއަޤުވާމީ ފޯރަމެކެވެ.