ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތުގެ ރައީސާއި ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޖަރުމަނުވިލާތުގެ ރައީސް މަޝްވަރާކުރެއްވިއެވެ.
This afternoon, President @ibusolih met H.E. Frank-Walter Steinmeier, the President of the Federal Republic of Germany. The discussions at the meeting centered on strengthening Maldives-Germany bilateral relations, and enhancing cooperation in areas of mutual interest. pic.twitter.com/5cCI5b2FKg
— The President's Office (@presidencymv) March 10, 2023
އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވިވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަން، އީ.ޔޫގައި ޖަރުމަނުވިލާތުގެ ލީޑަރޝިޕަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި، ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އެ ޤައުމުން އަދާކުރާ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުޞަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ފުޅާކުރުމާއިމެދު ދެ ބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި، މަންފާއަށްޓަކައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދިވެހިރާއްޖެއާ ޖަރުމަނުވިލާތާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ. މިއަހަރު މި ގުޅުމަށް 57 އަހަރު ފުރޭނެއެވެ.