މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުޞަތު މިމަހުގެ 15 ވާ ބުދަ ދުވަހަށް ހަމަވާނެއެވެ.
ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް، ބައެއް ބަދަލުތަކާއެކު، މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ސްޓޫޑެންޓް ލޯނަށް ޖުމްލަ 720 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި، އެފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ.
ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އެވެ. ލޯނަށް އެދި ހުށަހަޅަންޖެހޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
— Ministry of Higher Education (@MoHEmv) March 11, 2023
މިފަހަރުގެ ލޯނު ސްކީމުގައި ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ ޑިމާންޑް ބޮޑު ދާއިރާތަކުން ވަނީ ޖާގަ އިތުރުކޮށްފައެވެ.
އެގޮތުން ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުޞަތު، ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުޞަތު އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޫކުރުމަށްވެސް މިފަހަރުގެ ސްކީމުގައި ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޔުނިވަރސިޓީ، ކޮލެޖާއި ޕޮލިޓެކްނިކްގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.