ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެސްޕަންޔޯލްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮސެލޫއެވެ.
މިމެޗްގައި ރެއާލްއިން އެއްވަރު ކުރި ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއަރއެވެ. އަދި މިމެޗްގެ ލީޑު ރެއާލަށް ނަގާދިނީ މެޗްގެ 39 ވަނަ މިނެޓްގައި އެޑަރ މިލިޓާއޯއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ. މިއީ ވޭތުވެދިޔަ ތިން މެޗްގައި ރެއާލްއަށް ހޯދުނު ފުރަތަމަ ކާމިޔާބީއެވެ.
މިކާމިޔާބީއާއެކު ރެއާލް މިވަނީ އަންނަ ހަފްތާގައި އެލް ކްލެސިކޯގައި ބާސެލޯނާއާ ދެކޮޅަށް ނިކުންނައިރު ދެޓީމްގެ ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ރެއާލަށް ލިބިފައިވަނީ 25 މެޗުން 56 ޕޮއިންޓެވެ. އަދި އެސްޕަންޔޯލް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.