ދުނިޔޭގެ ވިޔަފާރި

އަރަމްކޯއަށް 161.1 ބިލިއަން ޑޮލަރުގެ ފައިދާއެއް!


ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯއަށް މިދިޔަ އަހަރު 161.1 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން އާދީއްތަ ދުވަހު ބުނެފިއެވެ.

އަރަމްކޯއަށް ލިބިފައިވާ ފައިދާއަކީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %46 ގެ އިތުރުވުމެކެވެ.

އަރަމްކޯގެ އިތުރުން ބައިންލައަގުވާމީ އެހެން ކުންފުނިތައް ކަމަށްވާ ޝެލް،ބީޕީ އަދި ޝެވަރންއިންވެސް ވަނީ މިދިޔަ އަހަރު އެ ކުންފުނިތަކަށް ފައިދާވެފައިވާކަމަށް މީގެކުރިން ރިޕޯޓުކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މިދިޔަ އަހަރު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ހަނގުރާމައާއިއެކު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޗައިނާގައި ތެލަށް އޮންނަ ޑިމާންޑު ދަށްވުމާއި މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުންވެސް ތެލަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ތެލާއި ގޭސް ކޮންމެހެން ބޭނުންވާނެ. ނަމަވެސް މި ސިނާއަތަށް އިންވެސްޓްކުރާލެއް މަދު. އޭގެ ސަބަބުން ހަކަތައިގެ އަގު އުފުލުމަށް މަގުފަހިވޭ" އަރަމްކޯއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އަމީން ނާސިރު ވިދާޅުވިއެވެ.

އެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ކުންފުނިން އިންވެސްޓް ކުރަމުންދަނީ ކާބަން މަދު އާ ޓެކްނޮލޮޖީތަކަކަށް ކަމަށާއި އެ ޓެކްނޮލޮޖީތަކުގެ ސަބަބުން އިތުރަށް ގޭސް ބޭރުކުރުން މަދުކުރެވޭނެކަމަށް ނާސިރު ވިދާޅުވިއެވެ.

2027 ވަނަ އަހަރުގެ ނިޔަލަށް ސާފުނުކުރާ ތެޔޮ އުފެއްދުމުގެ ގާބިލްކަން ދުވާލަކު 13 މިލިއަން ފީފާ، ބީޕީޑީއަށް އިތުރުކުރުމުގެ ޕްލޭންތައް ކުރިއަށްދާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަރަމްކޯގެ ކެޕިޓަލް ހަރަދު މިދިޔަ އަހަރު %18 އަށް އިތުރުވެ، 37.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް މިއަހަރުގެ ހަރަދު ގާތްގަނޑަކަށް 45.0 ބިލިއަން އެމެރިކާ ޑޮލަރާއި 55.0 ބިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ މިންވަރަކަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ މިދިޔަ އަހަރު ފެށުނު ފަހުން، ދުނިޔޭގެ ސާފުނުކުރާ ތެލުގެ ސަޕްލައި ދަށްވެ، ތެލުގެ އަގު ބޮޑުތަނުން އުފުލުނެވެ. އެގޮތުން ބައިނަލްއަގްވާމީ ބެންޗްމާކް، ބްރެންޓް ފީފާއެއްގެ އަގު 139.13 އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 2008 ވަނަ އަހަރަށް ފަހު އެންމެ ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރެވެ. ނަމަވެސް މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓް މަތިކޮށް، ރިސެޝަންގެ ކަންބޮޑުވުންތައް ބޮޑުވުމުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވިއެވެ.

މިއާއިއެކު ސައުދީ އަރަބިއްޔާ އިސްވެ އޮވެ އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް އާއި ރަޝިއާ ހިމެނޭ އޮޕެކް ޕްލަސްގެ ގައުމުތަކުން މިދިޔަ އަހަރު އެއްބަސްވެފައި ވަނީ މާކެޓަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ދުވާލަކު ދެ މިލިއަން ފީފާ ތެޔޮ އުފެއްދުން މަދުކުރުމަށެވެ.

މި ނިންމުމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އޭގެ ފަހުން މާކެޓްތަކުގައި ކުރިއެރުންތަކުން ދައްކާ ގޮތުގައި ސަޕްލައި މަދުކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެކެވެ. މިދިޔަ އަހަރު ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ދިޔަ ނަމަވެސް، މިހާރު ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 80 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.