ޚަބަރު

ކުނި ނަގަން އިމާރާތްތަކަށް އެރުން ވެމްކޯގެ ޕްރިމިއަމް ޚިދުމަތަކަށް


ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނުމަށްފަހު ކުނި ނަގާނީ އިމާރާތްތަކުގެ ތިރިން ކަމަށާއި، ދޮރުން ދޮރަށް ކުނި ނަގާނަމަ އެ ޚިދުމަތަށް ވަކި ޕްރިމިއަމް ރޭޓެއް ތައާރަފްކުރަން ވިސްނާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވަނީ އަންނަ މަހުން ފެށިގެން ކުނި ބިލު ކަރަންޓް ބިލުގައި ހިމެނުމަށް ނިންމާފައެވެ.

ކުނި ބިލު ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމެނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ވެމްކޯއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް ނުލިބިވާކަމަށެވެ. އެހެންނަމަވެސް މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމަނާއިރު ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށް ވުރެ ގިނަ ގޭބިސީއަށް ކުނި ބިލް ފޮނުވާނެކަމަށެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ. ސިރާޖު ވިދާޅުވީ މިކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށެވެ.

"މާލޭގައި އުފެދޭ ހުރިހާ ކުންޏެއް ވެމްކޯއިން ނަގަމުންދިޔައީ. މި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 50،000 ގޭބިސީއަށް ޚިދުމަތްދޭން އަޅުގަނޑުމެންގެ މޭންޕަވަރ އިތުރުކުރަންޖެހޭ. އެކަމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވެހިކަލް ފްލީޓަށް އިތުރު ވެހިކަލް އެބަ ބޭނުންވޭ. އެމަސައްކަތްވެސް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ." ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.

އަންނަ މަހުން ފެށިގެން ކުނި ނަގާނީ ގޭބީސީތަކުގެ ތިރިންކަން ފާހަގަކުރައްވާ ސިރާޖް ވިދާޅުވީ ގޭގޭގެ ދޮރުމަތިން ކުނި ނެގުމަށް ޕްރިމިއަމް ރޭޓުތަކެއް ތައާރަފުކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ. ނަމަވެސް އެޚިދުމަތަށް ނަގާނެ އަގުތަކެއް އަދި ކަނޑައަޅާފައި ނުވާކަމަށާއި އަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ. ވެމްކޯއިން ކޮންމެ ގޭބިސީއަކުން މިހާރު ނަގަމުން އަންނަނީ 150 ރުފިޔާއެވެ.

ވެމްކޯއިން ވަނީ އެކުންފުނިން ގެންގުޅޭ ފީ ސްޓްރަކްޗަރަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޭޝް ފްލޯ މެނޭޖުކުރެވޭގޮތަށް ބަލައި ކުރިން ސަރުކާރު ކުންފުނިތަކުން ކުނި އުކައިދިނުމަށް ނަގާ އަގުތަކާއި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނަގާ އަގަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓަނަކަށް 2560 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ފަރާތުން ޓަނަކަށް 2660 ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރަށް އަމއްިލަ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 ރުފިޔާ ނަގާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ކުނި ވަކި ނުކޮށް ގެންނަ ފާރާތްތަކުން 1000 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.