ޖަރުމަނުވިލާތުގެ ކާރު އުފައްދާ ކުންފުނި ވޯކްސްވޭގަން އިން ޔޫރަޕުން ބޭރުގައި ޤާއިމްކުރާ ފުރަތަމަ ބެޓެރީ އުފައްދާ ކާރުޚާނާ ކެނެޑާގައި ގާއިމުކުރަން ނިންމައިފިއެވެ.
ވޯކްސްވޭގަން އިން ހޯމަ ދުވަހު ބުނެފައިވަނީ އެ ކުންފުނީގެ ބެޓެރީ އާމް ޕަވަރކޯއިން ކެނެޑާގެ އޮންޓޭރިއޯގެ ތޯމަސްގައި ފުރަތަމަ ކާރުޚާނާ އަޅާނެ ކަމަށާއި އެ ސަރަހައްދުގައި އެ ގްރޫޕުގެ މާކެޓް ވަރުގަދަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން އީޔޫގެ އޮފިޝަލުންނަށް އަންގާފައިވާ ގޮތުގައި އިރުމަތީ ޔޫރަޕްގައި ބެޓެރީ އުފައްދާ ކާރުޚާނާ ގާއިމުކުރުން ލަސްކުރަނީ އެމެރިކާގެ އިންފްލޭޝަން ދަށްކުރުމުގެ ގާނޫނުގައި ހިމެނޭ 369 ބިލިއަން އެމެރިކާ ޑޮލަރުގެ ސަބްސިޑީތަކަށް އީޔޫއިން ދޭ ޖަވާބަށް އިންތިޒާރު ކުރާތީއެވެ.
އެމެރިކާގެ އިންސެންޓިވްސްގެ ގޮތުގައި 10 ބިލިއަން ޔޫރޯ އާއި ގާތްކުރާ އަދަދަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރި ނަމަވެސް ކެނެޑާގައި ކާރުޚާނާ އަޅަން ނިންމުމުން މި އަދަދަށް އިންސެންޓިވް ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީން ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެނެޑާގެ ކާރުޚާނާގައި އުފައްދާ ބެޓެރީތަކުން ދެކުނު ކެރޮލައިނާގައި ހުންނަ ވީޑަބްލިއުގެ 2 ބިލިއަން އެމެރިކާ ޑޮލަރުގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާ އަށް ސަޕްލައި ކުރާނެއެވެ. މިކަން މީގެ ދެ ހަފްތާ ކުރިން އެ ކާރުޚާނާ އިން ވަނީ އިއުލާނުވެސްކޮށްފައެވެ.
ކެނެޑާގެ މި ކާރުހާނާ ވެގެންދާނީ ސްޕެއިންގެ ސަލްޒްގިޓާ އާއި ވެލެންސިއާގައި ހަދަމުންދާ ދެ ކާރުހާނާ އަށް ފަހު ވޯކްސްވޭގަންގެ 3 ވަނަ ބެޓްރީ އުފައްދާ ކާރުޚާނާއަށެވެ.
"އަޅުގަނޑުމެންގެ ނޯތު އެމެރިކާގެ ސްޓްރެޓެޖީއަކީ މިދިޔަ އަހަރު އަޅުގަނޑުމެން އެކުލަވާލި 10 ޕޮއިންޓްގެ ޕްލޭންގައި މުހިއްމު އިސްކަމެއް ދޭ ކަމެއް،" ވީޑަބްލިއުގެ ޗީފް އެގްޒެކެޓިވް އޮލިވަރ ބްލޫމް ވިދާޅުވިއެވެ.
ކެނެޑާގައި ކާރުޚާނާއެއް ގާއިމުކުރުމުގެ މާނައަކީ ޔޫރަޕްގައި އިންވެސްޓްމެންޓްތައް ނުކުރާނެ ކަމެއް ނޫން ކަމަށް ވޯކްސްވޭގަން އިން ބުނެއެވެ.
އެގޮތުން ކުންފުނިން ވައުދުވެފައިވާ ގޮތަށް 2030 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕްގައި ގަޑިއެއްގެ ތެރޭގައި 240 ގިގަވޮޓް ބެޓެރީ އުފެއްދުމުގެ ކެޕޭސިޓީއެއް ގާއިމް ކުރުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ޔޫރަޕްގައި ދެން ގާއިމު ކުރާނީ މީގެ 2 އަހަރު ކުރިން ޔޫރަޕްގައި ގާއިމުކުރާނެ ކަމަށް އިއުލާންކުރި 6 ކާރުޚާނާއަށް ވުރެ މަދު ކާރުޚާނާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވާދަވެރި އެހެން ގިނަ ކާރު އުފައްދާ ކުންފުނިތަކާއި ޚިލާފަށް ވޯކްސްވޭގަން އަކީ ހަމައެކަނި ބެޓްރީ އެސެމްބްލް ކުރުމުގެ ބަދަލުގައި ސެލްވެސް އަމިއްލަ އަށް އުފައްދާ ކުންފުންޏެކެވެ.