ކުޅިވަރު

ސިޓީ ޓީމުން ބައެއް ބަދަލުތައް މިރޭ ފެންނާނެ: ގާޑިއޯލާ


ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް ސިކްސްޓީންގެ ދެވަނަ ލެގްގައި މިރޭ މެންޗެސްޓަރ ސިޓީ އާއި އާރްބީ ލިޕްޒިގް ބައްދަލުކުރާ މެޗަށް ބައެއް ބަދަލު ގެންނާނެކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ މިމެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލިޕްޒިގްގެ ދަނޑުގައި ކުޅެ ނިމިފައިވަނީ އެއް ލަނޑު އެއްލަނޑުން މެޗް އެއްވަރު ވެގެންނެވެ. ޕެޕް ހާމަކުރިގޮތުގައި ފުރަތަމަ މެޗަށް އޭނާ މިހާރު މާބޮޑަށް ނުވިސްނާކަމަށާއި އޭގެ ބަދަލުގައި މިރޭގެ މެޗްގައި އޭނާގެ ޓީމްގެ ކޮންޓްރޯލް އިތުރު ކޮށް މޮޅު ކުޅުމެއް ދެއްކުމަށްޓަކައި ބައެއް ބަދަލުގެނައުމަށް ވިސްނާފައިވާކަމަށެވެ. މިމެޗަށް ނިކުންނައިރު ލިޕްޒިގްގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ މެދުތެރެއަށް ކުޅޭ ޒޭވަރ ޝްލާގަރ އާއި ފޯވަޑް ކްރިސްޓޮފަރ އެންކޫކޫއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. މިދެކުޅުންތެރިންނަށްވެސްވަނީ އެންމެ ފަހުން ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި ދެކޮޅަށް ކުޅުނު މެޗްގައި އަނިޔާވެފައެވެ.

ޕެޕް ހާމަކުރިގޮތުގައި ލިޕްޒިގްއަކީ ކުރިއަށްދާ ބޯޅަ ތަކުގައި ވަރަށް ވަރުގަދައަށް ޖައްސާ ޓީމެއް ކަމަށާއި ކުޅުން ބިލްޑް ކުރުމުގައިވެސް އެޓީމްގެ ވަރަށް ކުޅަދާނަ ކަމަށެވެ. ލިޕްޒިގުން ފަހަކަށް އައިސް ހޯދަމުންދާ ކާމިޔާބީތަކަށް ތައުރީފް ހައްގު ކަމަށާއި އޭނާއަކީ ލިޕްޒިގްގެ ކުޅުން ވަރަށް ބަލައިގަންނަ ކޯޗެއް ކަމުގައިވެސް އޭނާ ހާމަކުރިއެވެ. އަދި އޭނާ ބަޔޭން މިޔުނިކަށް ކޯޗް ކޮށްދިންއިރު ލިޕްޒިގް އޮތީ ދެވަނަ ޑިވިޜަންގައި ކަމަށާއި އެހެންކަމުން އެޓީމާއި ވާދަވެރި ގޮތެއްގައި އޭރު މެޗް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިނުވާކަމަށްވެސް ޕެޕް ހާމަކުރިއެވެ.

ސިޓީ އާއި ލިޕްޒިގް މިރޭ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން އެކެއް ޖަހާއިރުއެވެ.