ޚަބަރު

ރާއްޖެއާއި ގާނާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމު ދެ އެއްބަސްވުމެއް


ދިވެހިރާއްޖެއާއި ގާނާއާ ދެމެދު އޮތް ގާތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމުގެ މެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި ގާނާއާ ދެމެދު ސޮއިކުރެވުނު ދެ އެއްބަސްވުމަކީ އިތުރު ވިސާ ނެގުމަކާ ނުލައި ރާއްޖެއާއި ގާނާއާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސޮއިކުރެވުނު ވިސާ ވެއިވަރ އެއްބަސްވުމަކާއި ރާއްޖޭގެ ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށްޓަކައި ސޮއިކުރެވުނު ފަހުމު ނާމާއެކެވެ.

މި ދެ އެއްބަސްވުމުގެ ސަބަބުން، ގާނާއާއި ދިވެހިރާއްޖޭގެ ދޭދޭ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ޤަވައިދުން ސިޔާސީ މަޝްވަރާތައް ބޭއްވޭނެ މަގުފަހިވެގެން ދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިތުރު ވިސާއެއް ނެގުމަކާ ނުލައި ދެޤައުމުގެ މެދުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުން ފަސޭހަވެ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމަށް މަގުފަހިވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ރާއްޖެއާއި ގާނާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހުއެވެ.

މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދެވެ. އަދި ގާނާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރލީ އަޔޯކޯ ބޮޗްވޭއެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސް ގައެވެ.

ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީގޮތުން ގުޅުން ޤާއިމްކުރީ 10 އޮގަސްޓް 1989 ގައެވެ. މިއަހަރު މި ގުޅުމަށް 34 އަހަރު ފުރޭނެއެވެ.