ޗައިނާގައި ތެލަށް އޮތް ޑިމާންޑް މިއަހަރު އިތުރުވާނެކަމަށް އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް ކަންޓްރީޒް، އޯޕެކުން ލަފާކޮށްފިއެވެ.
ދުނިޔޭގެ އިޤްތިޞާދު ހީނާރުވަމުން އަންނާތި، މުޅި ދުނިޔޭގެ ތެލުގެ ޑިމާންޑަށް މިއަހަރު ބަދަލު ނައި ނަމަވެސް ޗައިނާގެ ތެލުގެ ޑިމާންޑް އިތުރުވާނެ ކަމަށް އޯޕެކުން ލަފާކޮށްފައި މިވަނީ ޗައިނާގައި ފެތުރެމުންދިޔަ ކޯވިޑުގެ ބަލިމަޑުކަން ފެތުރުން މަޑުޖެހުމުންނެވެ.
ދުނިޔޭގެ ތެލުގެ ޑިމާންޑް 2023 ވަނަ އަހަރު ދުވާލަކު 2.32 މިލިއަން ފީފާ ނުވަތަ %2.3 އަށް އިތުރުވާނެ ކަމަށް އޯޕެކުން މަހުން މަހަށް ނެރޭ ރިޕޯޓެއްގައި ބުނެފައިވެއެވެ. މިއީ މިދިޔަ މަހު ލަފާކުރި މިންވަރާއި އެއް މިންވަރެކެވެ.
ޗައިނާގެ ޑިމާންޑް އިތުރުވުމަކީ ތެލުގެ ބާޒާރަށް އެހީތެރިވެދެވޭނެ ކަމެއް ނަމަވެސް، ކެލިފޯނިއާގެ ކޮމާޝަލް ބޭންކް، ސިލިކަން ވާލީ ބޭންކް ބަނގުރޫޓުވުމާއި ގުޅިގެން އިތުރު މާލީ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވެ، މި ހަފްތާގައި ސާފު ނުކުރާ ތެލުގެ އަގު ވަނީ ވެއްޓިފައެވެ. މިއާއެކު އިންޓަރެސްޓް ރޭޓް މަތިވުމުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތައް އޯޕެކުން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާއިން ގެންގުޅޭ ޒީރޯ ކޯވިޑް ސިޔާސަތު އުވާލުމާއި ގުޅިގެން ޗައިނާ އަލުން ހުޅުވާލުމަކީ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ބާރެއް އިތުރުވާނެ ކަމެއް ކަމަށް އޯޕެކްގެ ރިޕޯޓުގައިވެއެވެ. އިންޓަރެސްޓް ރޭޓާއި، ދުނިޔޭގެ ދަރަނީގެ މިންވަރު ހަލުވިކަމާއެކު މައްޗަށް ދިއުމަކީ ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އޯޕެކްއިން އިތުރަށް ބުނެފައިވެއެވެ.
އެހެން ޤައުމުތަކުގައި ތެލަށް އޮތް ޑިމާންޑް ދަށްވުމުން މުޅި ދުނިޔޭގެ ތެލުގެ ޑިމާންޑަށް ބަދަލެއް ނައި ނަމަވެސް، ޗައިނާގައި އޮތް ތެލުގެ ޑިމާންޑް މިއަހަރު 710،000 އަށް އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށް އޯޕެކުން ބުނެއެވެ. ޗައިނާގެ ތެލުގެ ޑިމާންޑް މިއަހަރު 590،000 އަށް އިތުރުވާނެ ކަމަށް މީގެކުރިން ވަނީ ލަފާކޮށްފައެވެ.
މާކެޓަށް އެހީތެރިވުމަށް އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް+ގެ ފުޅާ އިއްތިހާދުން އުފެއްދުންތައް މަދުކުރުމަށް މިދިޔަ އަހަރު ވައުދުވި ނަމަވެސް ފެބްރުއަރީ މަހު އޯޕެކްގެ ސާފުނުކުރާ ތެލުގެ އުފެއްދުން އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ސާފުނުކުރާ ތެލުގެ އުފެއްދުން ދުވާލަކު 117،000 ފީފާ އިން 28.92 މިލިއަން ފީފާ އަށް ފެބްރުއަރީ މަހު އިތުރުވެފައިވާ ކަމަށްވެސް އޯޕެކުން ބުނެއެވެ.