ރަޝިއާގެ އުފެއްދުންތައް އިންޑިއާއަށް އެތެރެކުރުމަށް ޗައިނާގެ ފައިސާ ކަމަށްވާ ޔޫއާން ބޭނުން ނުކުރުމަށް އެ ޤައުމުގެ ބޭންކުތަކާއި ވިޔަފާރިވެރިންގެ ކިބައިން އެދިފައިވާ ކަމަށް ސިޔާސަތު ކަނޑައެޅުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ 3 އޮފިޝަލަކާއި ބޭންކިން ދެ މަސްދަރަކުން ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާ އިން މި ގޮތަށް އެދިފައި ވަނީ ޗައިނާއާއެކު ދިގު ދެމިގެންދާ ސިޔާސީ ޚިޔާލުތަފާތުވުންތަކެއް ހުރުމުންނެވެ.
ރަޝިޔާގެ ތެލުގެ އިތުރުން ކޯލްވެސް އެންމެ ގިނައިން ގަންނަ ޤައުމެއްގެ ގޮތުގައި ފާހަގަވެފައިވާ އިންޑިއާ އިން ކުރާ ވިޔަފާރީގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިރުހަމް ބޭނުން ކުރުމަށް އިސްކަންދޭނެ ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ރަނގަޅު ނުވަނީސް އިންޑިއާ އަށް ޔޫއާން ބޭނުން ނުކުރެވޭނެ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާގެ ރިޒާރވް ބޭންކް، އާރް.ބީ.އައިގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޒާވް ބޭންކްގެ ބޭރުގެ ވިޔަފާރީގައި ޔޫއާން ބޭނުން ކުރުމަށް ޝައުގުވެރި ނުވާ ކަމަށާއި، ސަރުކާރުންވެސް ވަނީ އެ ފައިސާ ބޭނުން ނުކުރުމަށް ބާރުއަޅާފައެވެ.
ދުބާއީގެ ވިޔަފާރިވެރިން މެދުވެރިކޮށް އިންޑިއާގެ ތެޔޮ އެތެރެކުރާ ފަރާތްތަކުން ގަންނަ ރަޝިޔާގެ ތެލުގެ އަގަށްވާ ފައިސާ އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިރުހަމުން ދައްކަން ފަށާފައިވާ ކަމަށްވެސް ރޮއިޓަރސް އިން މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ރަޝިޔާއަށް ފައިސާ ދައްކަން ޖެހޭނީ ދިރުހަމުންނެވެ. މިދިޔަ އަހަރު އިންޑިއާގެ އެންމެ ބޮޑު ސިމެންތި އުފައްދާ ކުންފުނި އަލްޓްރާ ޓެކް ސިމެންތިން ރަޝިޔާގެ ކޯލު ކާގޯއަކަށް ޗައިނާގެ ޔުއާން ބޭނުންކުރިއިރު، މިކަމާމެދު އިންޑިއާގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަލްޓްރާ ޓެކް ޑީލަށް ފަހު، މަރުކަޒީ ބޭންކުގެ އޮފިޝަލުންނާއި ބޭންކް އެގްޒެކެޓިވުންނާއެކު ސަރުކާރުން ޙާލަތު މުރާޖައާ ކުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އިންޑިއާ އާއި ޚިލާފަށް ޗައިނާއިން މުދާ ގަތުމުގައި ރަޝިޔާއިން އެހީތެރިވެދޭތީ ޔުއާން ބޭނުން ކުރުމަށް ރަޝިޔާ ޝައުގުވެރިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ރޮއިޓަރސް އިން ރިޕޯޓްކުރި ގޮތުގައި ފާއިތުވި ހަފްތާތަކުގައި ރަޝިޔާގެ ތެޔޮ ގަތުމަށް ރަޝިއާ ފައިސާ ކަމަށްވާ، ރޫބަލް ބޭނުން ކުރަން އިންޑިއާގެ ތެޔޮ އެތެރެކުރާ ބައެއް ފަރާތްތަކުން ވަނީ ފަށާފައެވެ. އަދި ރަޝިޔާގައި ހުންނަ ނޮސްޓްރޯ ރޫބަލް އެކައުންޓް މެދުވެރިކޮށް އިންޑިއާގެ ސްޓޭޓް ބޭންކުން އެ ފައިސާ ދެއްކޭގޮތް ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް އިންޑިއާއަށް އެތެރެކުރާ ގިނަ މުދާ އަދިވެސް ގަންނަނީ އެހެން ފައިސާއިން ކަމަށްވާތީ، ރުބެލް އިން މުދާ އެތެރެކުރުމަށް އަދި ވަނީ އޮނިގަނޑެއް އެކުލަވާނުލައެވެ. މިކަމާއި ގުޅިގެން އިންޑިއާގެ މާލީ އަދި ޚާރީޖީ ވުޒާރާ އާއި ރިޒާރވް ބޭންކުންވެސް އަދި ވާހަކަ ދައްކާފައެއްނުވެއެވެ.
އިންޑިއާގެ ރުޕީސް އަކީ ބައެއް ގޮތްގޮތުން ބަދަލުކުރެވޭ އެއްޗަކެވެ. އެހެންކަމުން ބައިނަލްއަގުވާމީ މަރުކަޒީ ބޭންކުތަކަށާއި ވިޔަފާރި ހިންގުމަށް އެދެވޭ ރިޒާރވް ފައިސާއަކަށް ރުޕީސް ވާނީ އެހެން ފައިސާއަކަށް ބަދަލުވުމުގެ ކުރިން ފުރަތަމަ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެންނެވެ. އަދި މިކަމުގެ ސަބަބުން އެކްސްޕޯޓް ކުރުމަށް އިންޑިއާ ރުޕީސް އިން ފައިސާ ދެއްކުމަށް ރަޝިޔާ ފަސްޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާއަކީ ރަޝިޔާއާއެކު ދިގު މުއްދަތަކަށް ސިޔާސީ އަދި ސަލާމަތީ ގުޅުންތަކެއް އޮތް ޤައުމެކެވެ. އަދި ރަޝިއާ ޔުކްރެއިން ހަނގުރާމައިގައި އިންޑިއާ ވަނީ ރަޝިއާ ކޮޅަށް އަރާފައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މީގެއިތުރުން އިންޑިއާއަކީ ރަޝިޔާގެ ހަތިޔާރު ގަންނަ ބޮޑު ގައުމެކެވެ.