ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ހާބަރ ކުންފުންޏާއެވެ. ތިލަފުށި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން އެޗް.ޑީ.ސީގެ ދަށަށް ބަދަލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.
2000 ގެ ކުރީކޮޅު ބޭނުން ކުރަން ފެށި ތިލަފުށި، މިއަދާހަމައަށްވެސް އޮތީ އުމްރާނީގޮތުން މާބޮޑު ބަދަލުތަކެެއް ނެތިއެވެ. އޭރު ހިއްކާ ބޭނުންކުރަން ފެށި ސަރަޙައްދުގެ އިތުރުން، 2017 ވަނަ އަހަރު، ފަޅުން އިތުރު ބައެއް ހިއްކިއެވެ. ނަމަވެސް ތިލަފުށީގެ ޚިދުމަތްތައް ބަހާލެވިފައި އޮތީ މާބޮޑު ރޭވުންތެރިކަމެއްނެތިއެވެ. އަދި އެތަނުން ވިޔަފާރިވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައްވެސް އެކަށީގެންވާގޮތުގައި ދެމުން އައިސްފައެއް ނުވެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗް.ޑީ.ސީން ވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ. މާސްޓާރ ޕްލޭން އެކުލަވާލާފައިވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުންދާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްޤީކުރުމަށެވެ.
ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އެގޮތުން ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ބަންޑް ވޯލް ހެދުމުގެ މަސަކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވަށްސަކަށް ބަހާލައިގެންކަމަށް އެޗް.ޑީ.ސީއިން މީގެކުރިން ވިދާޅުވެފައިވެއެވެ.
ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.
ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.
ތިލަފުއްޓަކީ ޒަމާނީ ވަޞީލާތްތަކާއެކު އިޤްތިޞާދީ ހަބެއްގެގޮތުގައި ތަރައްޤީކުރުމަށް އެޗް.ޑީ.ސީއިން ހިންގާ މަޝްރޫޢުގެ ބޭނުމަކީ ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުންކަން އެޗް.ޑީ.ސީއިން ފާހަގަކުރައްވައެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނެއެވެ.