ޚަބަރު

އާޖެންޓީނާގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މައްޗަށް!


އާޖެންޓީނާގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކާބެހޭ އޭޖެންސީން ބުނެފިއެވެ.

އެ އެޖެންސީން ބުނި ގޮތުގައި ފެބްރުއަރީ މަހު އާޖެންޓީނާގެ އިންފްލޭޝަން ވަނީ ރެކޯޑު އަދަދެއް ކަމަށްވާ، %102.5 އަށް މަތިވެފައެވެ. މިއީ 90 އަހަރުތަކުގައި އެ ގައުމުގެ އޮތް ހައިޕަރ އިންފްލޭޝަން އަށް ފަހު އާޖެންޓީނާގެ އިންފްލޭޝަން %100 ފަހަނަ އަޅައި ދިޔަ ފުރަތަމަ ފަހަރެވެ. އިންފްލޭޝަން މަތިވެފައި މިވަނީ ތަކެތީގެ އަގު ދެގުނައަށް ބޮޑު ވުމުންނެވެ.

ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ ކޮންޓްރޯލު އަގެއް ކަނޑައަޅައިގެން ތަކެތީގެ އަގުތައް ކޮންޓްރޯލު ކުރުމަށް އާޖެންޓީނާގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަހަކަށް އައިސް އަގުތައް އެންމެ ބޮޑަށް އުފުލިފައި ވަނީ ކާބޯތަކެތީގެއެވެ. އެގޮތުން ޖެނުއަރީ މަހާއި އަޅާބަލާއިރު ކާބޯތަކެތީގެ އަގު ފެބްރުއަރީމަހު ވަނީ %9.8 އަށް އުފުލިފައެވެ.

އާޖެންޓީނާގެ މީޑިއާތަކުން ބުނާ ގޮތުގައި ކާބޯތަކެތީގެ އަގު މިހާ މައްޗަށް އުފުލުނު މައިގަނޑު ސަބަބަކީ އެއްގަމު މަހުގެ އަގު އުފުލުން ކަމަށްވެދާނެއެވެ. އެއްގަމު މަހުގެ އަގު ފެބްރުއަރީމަހު ވަނީ %20 އަށް އުފުލިފައެވެ. އަދި ހޫނު މޫސުން ދިގުލައިގެންގޮސް، ހަނަފަސް ވުމުގެ ސަބަބުން ދިރޭ ތަކެއްޗާއި ދަނވުގޮވާމުގެ ބާވަތްތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް އާޖެންޓީނާގެ އަމްބިޓޯ ނޫހުން ބުނެއެވެ.

އިންފްލޭޝަން ރޭޓް %100 އަށް ވުރެ މައްޗަށް މިހާރު ގޮސްފައި އޮތް ނަމަވެސް، އިންފްލޭޝަން މައްޗަށް ދިއުމުގެ އަސަރުތައް އާޖެންޓީނާގައި މާކުރިން ވަނީ ފެށިފައެވެ. ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު އާޖެންޓީނާގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ. އަދި އަގުތައް އުފުލުމުގެ ސަބަބުން 2،000 ޕެސޯ ނުވަތަ 9.9 ޑޮލަރު ގެ އާ ނޫޓެއް ނެރޭނެ ކަމަށް އާޖެންޓީނާގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

އާޖެންޓީނާ ސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން އިންފްލޭޝަން ހިފެހެއްޓުމަށް މަސައްކަތް ކުރި ނަމަވެސް ބައިބައިވުންތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދީ ސިޔާސަތު ވަނީ ހަލާކުވެފައެވެ. މިދިޔަ ހޫނު މޫސުމުގައި އެގައުމުގެ އިގްތިސާދީ ދަތިކަން އިތުރުވަމުން ގޮސްފައިވާއިރު، އޭގެ ހަތަރު ވަރަކަށް ހަފްތާ ފަހުން އާޖެންޓީނާގެ އިގްތިސާދީ މައްސަލަތައް ހައްލުކުރާނެ ގޮތަކާއި މެދު ރައީސް އަލްބަރޓޯ ފަރްނާންޑޭޒް އާއި އޭނާގެ ނައިބު ކްރިސްޓީނާ ފަރްނާންޑޭޒް ޑި ކިރްޗްނާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ޑިސެމްބަރު މަހު ވަނީ އިތުރު ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ފައިސާ އާޖެންޓީނާއަށް ދޭން ފާސްކޮށްފައެވެ. އާޖެންޓީނާއަކީ އިގްތިސާދީ ހީނަރުކަން ކުރިމަތިވެފައިވާތާ އަހަރުތަކެއް ވެފައިވާ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ މިހާރު ފަގީރުންނެވެ.