ކުޅިވަރު

ބޮޑު ތަފާތަކުން ޝަކްޓާ ބަލިކޮށް ފެޔެނޯޑް ކުއާޓާ ފައިނަލަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެޔެނޯޑް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ފެޔެނޯޑް ޖާގަހޯދީ ގަދަ 16 ބުރުގައި ޝަކްޓާ ޑޮނެސްކާ ބައްދަލުކޮށް އަށް ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޝަކްޓަރގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުން އެއްވަރުވިއިރު ފެޔެނޯޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ހަތް ލަނޑު އެއްލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފެޔެނޯޑްއެވެ. މިއީ ޔޫރޮޕާ ލީގުގެ ނޮކް އައުޓްގައި އެންމެ ތަފާތު ބޮޑު ނަތީޖާގެ ރިކޯޑާއި ހަމަހަމަ ނަތީޖާއެކެވެ.

2017 ވަނަ އަހަރުގެ މުބާރާތުގައި އޮލިމްޕިކް ލިއޯންއިން ވަނީ އޭޒީ އާލްކްމާ ހަމަ މިނަތީޖާއިން ބަލިކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފެޔެނޯޑްއަށް މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ ސަންޓިއާގޯ ގިމެނޭޒްއެެވެ. އަދި ދެވަނަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި އޯކުން ކޮކްޖޫ ކާމިޔާބުކޮށްދިންިރު އެޓީމްގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީވެސް ކޮކްޖޫއެވެ. މީގެއިތުރުން އުސާމާ އިދްރީސީ ދެ ލަނޑު ޖަހާދިންއިރު އަލީރެޒާ ޖަހާންބާޝް އާއި ޑެނީލޯ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މިމެޗްގައި ޝަކްޓަރގެ ހަމައެކަނި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ކެވިން ކެލްސީއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން އޭއެސް ރޯމާ އާއި ޔުވެންޓަސްވެސް ވަނީ ޖާގަހޯދާފައެވެ. ރޯމާއިން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދިއިރު ޔޫވެންޓަސްއިން ވަނީ ފްރެއިބަރގް ބަލިކޮށްފައެވެ. އަދި ޔޫނިއަން ސެއިންޓް ގިލޯއިސް އާއި ޔޫނިއަން ބަރލިންގެ ކުރިމަތިލުން ކާމިޔާބުކޮށް ކްއާޓަރއިން ޖާގަހޯދީ ސެއިންޓް ގިލޯއިސްއެވެ.