ކުޅިވަރު

އިންޑިއަން ވެލްސް: ޑެވިޑޮވިޗް ފޮކިނާ ބަލިކޮށް މެޑްވެޑޭވް ސެމީ ފައިނަލަށް


އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން މެޑްވެޑޭވް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކިނާއާ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތައް މެޑްވެޑޭވް ކާމިޔާބުކުރީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިއީ އޭނާ މިފަހަރުގެ ޓުއަރގައި ޖެހިޖެހިގެން ކާމިޔާބުކުރި 18 ވަނަ މެޗެވެ. މިމުބާރާތުގެ ސެމީފައިނަލްގައި މެޑެވެޑޭވް ވާދަކުރާނީ އެމެރިކާގެ ފްރަންސެސް ޓިއަފޯ އާއެވެ. ޓިއަފޯ ސެމީފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެޑްވެޑޭވް ވަނީ ޤައުމުގައި ހަނގުރާމައެއް ކުރިއަށްދަނިކޮށް ވާދަވެރި މުބާރާތްތަކެއްގައި ޔޫކްރެއިންގެ ކުޅުންތެރިންނަށް ކުޅެން ޖެހެމުންދާތީ ހިތާމަ ކުރާކަން ހާމަކޮށްފައެވެ. އަދި އޭނާ އަބަދުވެސް ބޭނުންވަނީ ދުނިޔެއަކީ އަމާން ސުލްހަވެރި ތަނަކަށް ވުން ކަމަށްވެސް މެދްވެޑޭވް ހާމަކުރިއެވެ.

މިމުބާރާތުގެ އަންހެން ބައިގާ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ދެކޮޅަށް ކުޅެން އޮތް މެޗް ވަނީ ޔޫކްރެއިންގެ ލޭސިއާ ސުރެންކޯ ނުކުޅެ ދޫކޮށްލާފައެވެ. އެހާދިސާއަށްފަހު މިމުބާރާތުގެ ކްއާތަރ ފައިނަލްގައި ސަބަލެންކާވަނީ އެމެރިކާގެ ކޯކޯ ގައުފް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއްވެސް ހޯދާފައެވެ. މިމެޗް ސަބަލެންކާ ކާމިޔާބުކުރީ ހައެއް ހަތަރެއް އަދި ހައެއް ސުމަކުންނެވެ.

އޭޓީޕީ އާއި ޑަބްލިޔުޓީއޭ އިން އެދެފަރާތުން އިންތިޒާމް ކުރާ ޓެނިސް މުބާރާތްތަކުގައި ރަޝިއާ އާއި އެޤައުމަށް ތާއީދު ކުރަމުންދާ ބެލަރުސްގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިފައިވީ ނަމަވެސް އެކުޅުންތެރިން ކުޅެން ޖެހިފައިވަނީ ޤައުމުގެ ނަން ބޭނުން ނުކޮށް ނިއުޓްރަލް ކުޅުންތެރިންގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ތެނިހުގެ ދުނިޔޭގައި ތަފާތު މައްސަލަ ތަކާއި އަންނަނީ ކުރިމަތިވަމުންނެވެ.