ކުޅިވަރު

ޕާކިސްތާން މެޗު ކުޅުމަށް ގައުމީ ޓީމު ލ. ގަމަށް


އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އެކުލަވާލައި، ލ. ގަމަށް ހިނގައްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން މިފަހަރު ބާކީވީ މުޙައްމަދު އުމެއިރާއި، މުޙައްމަދު މިރާޝް އިމްތިޔާޒް އަދި އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ.

އެކަމަކު މި ފަހަރުގެ ސްކޮޑުން ވަނީ ޒުވާން ގޯލްކީޕަރު މީސަމް އަބްދުﷲ އާއި، ނާއިޒު ހަސަން (ދާދު) އަދި މުޙައްމަދު އިރުފާން (އިރޭ) އަށް ފުރުސަތު ދީފައެވެ.

މީގެ ކުރިންވެސް މީސަމަށް ގައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ. އެކަމަކު އެ ފަހަރު އަނިޔާގެ ސަބަބުން މީސަމް ސްކޮޑުން ބާކީ ކުރަން ޖެހުނެވެ. މެލޭޝިއާ އާއި ސިންގަޕޫރު މެޗުން ދާދުއަށް ފުރުސަތު ނުލިބުނީ އަމިއްލަ ސަބަބަކާހުރެ ޓީމާއެކު ދެވެން ނެތުމުންނެވެ.

ރާއްޖޭގައި ރަސްމީ ލެވަލްގެ މެޗެއް ނުކުޅޭތާ ހަތް މަހެއްހާ ދުވަސް ފަހުން، ކުޅޭ މި މެޗަށް ނެގިއިރު، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މި ވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ މާޒިޔާ އާއި އީގަލްސް އިން އެކަންޏެވެ. އަނެއް ހަ ކްލަބަށް ޕްރެކްޓިސް ފެށޭނެ ދުވަހެއް ސީދާ ބުނަން ނޭނގެ އެވެ.

10 އަހަރު ތެރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ޕާކިސްތާނުން އަންނަނީ ދުރާލާ ޕްރެކްޓިސް ފަށައިގެން ތައްޔާރުވަމުންނެވެ. ޕާކިސްތާނުން މި މެޗަށް ނެގި ސްކޮޑުގައި ޔޫރަޕްގައި ކުޅޭ ދެ ކުޅުންތެރިން ވަނީ ހިމަނައިފައެވެ.

ޕާކިސްތާނު މެޗަށް ނެގި ސްކޮޑުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ވަނީ ފުރުސަތު ދީފައެވެ.

ޕާކިސްތާނާއި ރާއްޖެ ބައްދަލުކުރާ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމުގައި ކުޅޭއިރު، މިއީ ރާއްޖޭގެ ގައުމީ ޓީމުން އަތޮޅުތެރޭގެ ރަށެއްގައި ކުޅޭނެ ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ. އަދި މިއީ އައްޑޫ ފިޔަވައި އަތޮޅުތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މެޗެއް ކުޅޭނެ ފުރަތަމަ ފަހަރެވެ.

ޕާކިސްތާނާއި ރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު އެ މެޗު ކުޅުނީ މާލޭގައެވެ. އެހެންކަމުން މިއީ އޭގެ 10 އަހަރު ފަހުން ދެ ގައުމުން އެކުވެރިކަމުގެ މެޗެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.