އިނގިރޭސި އެފް އޭ ކަޕްގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ސިޓީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބަރންލީ އާއި ބައްދަލުކޮށް ހަ ލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއްް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމާލާ އުފައްދާފައިވަނީވެސް ސިޓިއިންނެވެ. މިމެޗްގައި ސިޓީގެ ނުރައްކާތެރި ފޯވަދް އަރލިންގ ހާލަންޑްވަނީ ހަ ދުވަސްތެރޭ އޭނާ ހެދި ދެވަނަ ހެޓްރިކް ހަދާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ހާލަންޑްއެވެ. އަދި އޭގެ ތިން މިނެޓްފަހުން ސިޓީގެ ލީޑު ފުޅާކޮށްދިނީވެސް ހާލަންޑެވެ. މިމެޗްގައި ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ 59 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ވަނީ އެންމެފަހުން ޗެމްޕިއަންސް ލީގުގައި އާރް ބީ ލިޕްޒިގާއި ދެކޮޅަށް ކުޅުނު މެޗްގައި ފަސް ލަނޑު ޖަހާފައެވެ. މިތިން ލަނޑައެކު މިސީޒަންގައި ހާލަންޑް ކާމިޔާބުކުރި ލަނޑުގެ އަދަދު މިވަނީ 42 އަށް އަރާފައެވެ. އަދި ޕްރިމިއަރ ލީގު ވުޖޫދައް އައިފަހުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑާއި ހަމަ ކުރުމަށްޓަކައި ހާލަންޑަށް މިހާރު ބޭނުންވަނީ ދެ ލަނޑެވެ. 44 ލަނޑާއެކު މިރިކޯޑް މިވަގުތު އޮންނަނީ ރޫޑް ވެން ނިސްޓެރޯއި އާއި މުހަންމަދު ސަލާހް އަތުގައެވެ. މިމެޗްގައި ސިޓީގެ ހަތަރު ވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ހޫލިއަން އަލްވަރޭޒްއެވެ. ސިޓީގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކޯލް ޕާމަރއެވެ. އަދި ފަހު ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ އަލްވަރޭޒްއެވެ.
މިކާމިޔާބީއާއެކު ސިޓީ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައިވާއިރު ސެމިފައިނަލްގައި ބައްދަލުކުރަންޖެހޭ ޓީމެއް އެނގިގެންދާނީ މިއަދު ބާއްވާ ގުރުއަތުލުމަށްފަހުއެވެ. މިމެޗުން ބަރންލީ ބަލިވި ނަމަވެސް އެޓީމުން އަންނަނީ ޗެމްޕިއަންސީޕްގައި މޮޅު ކުޅުމެއް ދައްކާ ލީގުގެ އެންމެ ކުރީގައި ބޮޑު ތަފާތަކުން ލީޑު ކުރަމުންނެވެ. ބަރންލީގެ ކޯޗް ކަން ކުރަމުންދާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ހާމަކުރިގޮތުގައި އެންމެ ވަރުގަދަ ޓީމްތަކަށްވެސް ސިޓީގެ މިކުޅުންތެރިން ހުއްޓުވަން ވަނީ އުނދަގޫ ކަމަކަށް ވެފައިކަމަށާއި އެކުޅުންތެރިން ކޮންމެވެސް ގޮތެއް ލަނޑު ޖެހުމަށް އަބަދުވެސް ހޯދާކަމަށެވެ.