ކުޅިވަރު

ޗެލްސީ އާއި އެވަޓަންގެ ކުރިމަތިލުން އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެތީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް އެވަޓަންއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން ޗެލްސީގެ ކުޅުންތެރިންނަށް މިމެޗްގެ ފުރަތަމަ ހާފްގައި ގިނަ މައްސަލަ ތަކަކާއި ކުރިމަތިވެގެންދިޔައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 52 ވަނަ މިނެޓްގައި ޖޯއޮ ފީލިކްސްއެވެ. ނަމަވެސް އެވަޓަންއިން ވަނީ މެޗްގެ 69 ވަނަ މިނެޓްގައި އަބްދޫލާޔޭ ޑޮކޫރޭ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗްގައި ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ 76 ވަނަ މިނެޓގްައި ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. މިލަނޑާއެކު މިމެޗް ޗެލްސީ ކާމިޔާބު ކުރާނެ ކަމަށް ގަބޫލް ކުރެވުނު ނަމަވެސް އެޓީމަށް މިލީޑު މެޗް ނިމެންދެން ދެމެހެއްޓޭ ގޮތެއްނުވިއެވެ. މިމެޗްގައި ދެވަނަ ފަހަރަށް އެވަޓަންއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗް ނިމެން އެއްމިނެޓަށް ވެފައިވަނިކޮށް އެލިސް ސިމްސްއެވެ. މިއީ އޭނާ އެވަޓަން އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިނަތީޖާ އާއެކު ޗެލްސީއަށް ޖެހިޖެހިގެން ހަތަރު މެޗް ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ފުރުސަތު ވަނީ ގެއްލިގެން ގޮސްފައެވެ. އަދި މިވަގުތު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި މިމެޗުން ލިބުނު ޕޮއިންޓާއެކު އެވަޓަން އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ