ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫ ބަލިކޮށް ގަމުން ޗެމްޕިއަންކަން ހޯދައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ޗެމްޕިއަންކަން ގދ. ވާދޫ ބަލިކޮށް ލ. ގަމުން ހޯދައިފިއެވެ.

ވާދޫ އިން މި މުބާރާތުގެ ފައިނަލުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން 2018 ވަނަ އަހަރު ގަމުން ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އެކަމަކު އެ ފަހަރު މާފަންނު އަތުން ބަލިވީއެވެ.

ގަމަކީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ޓީމެވެ. މީގެ ކުރިން މި މުބާރާތް ތިން ފަހަރު ތ. ތިމަރަފުށިން ވަނީ ހޯދާފައެވެ. މީގެ އިތުރުން މާފަންނާއި ހެންވޭރު އަދި ބ. ހިތާދޫ އިން ވަނީ އެއް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފަމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނުއިރު، އެ ޓީމުން ވަނީ މެޗުގެ ކުރީ ކޮޅު ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. މިއީ އަޙްމަދު ހަލީމް (އައްމަޑޭ)ގެ އެހީތެރިކަމާއެކު ނާއްޓޯ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން އަލީ ޝާމިސް (ތޮއްޕޭ) ވަނީ އިތުރު ލަނޑެއް ޖަހާ ގަމަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފުގެ 13 މިނެޓު ކުޅުން ނިމުނުއިރު، ދެ ޓީމުގެ ފަސް ފައުލު ހަމަވެގެން ގިނަ އަދަދެއްގެ ދުރު ޕެނަލްޓީ ލިބުނެވެ. ގަމުން ފުރަތަމަ ހާފުގައި ފަހުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ދުރު ޕެނަލްޓީ ތަކުންނެވެ. މި ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައްމަޑޭއެވެ. އައްމަޑޭ އަތުން ދެ ދުރު ޕެނަލްޓީ ބޭކާރުވެސްވިއެވެ. ގަމުން މި ހާފުގައި ޖެހި ފަހު ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޮއްޕޭއެވެ.

ވާދޫން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ވާދޫގެ ފުރަތަމަ ލަނޑު މުޙައްމަދު އިޔާދު އަލީ ކާމިޔާބު ކޮށްދިންއިރު، ދެން ވާދޫން ޖެހި ދެ ލަނޑު ދުރު ޕެނަލްޓީތަކުން ކާމިޔާބު ކޮށްދިނީ މުޙައްމަދު ނާއިލް (އެޑީ)އެވެ.

ދެވަނަ ހާފު ފަށައިގެން ވާދޫގެ އެޑީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، ގަމުން ވަނީ އޭގެ ކުޑައިރު ކޮޅެއްގެ ތެރޭގައި އެ ޓީމުން ޖެހި ހަތްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ)އެވެ. ގަމުން މެޗުގައި ޖެހި ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޮއްޕޭއެވެ.

މި މުބާރާތުގެ ކިންގް އޮފް ދި ޓޯނަމަންޓް ހޯދީ ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)އެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އޮންލީ، ތޮއްޕެ، އިޔާދު، އަޔާޒް އަޙްމަދުގެ އިތުރުން ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ)އެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް އެންމެ މޮޅު ރެފުރީއަކަށް ހޮވުނީ އަޙްމަދު މުނީރު (މުންނަ)ޢެވެ.

އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ، ގަމާއި، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުއްޓެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައިވެސް މި ދެ ޓީމު ވާދަކޮށްފައިވެއެވެ. އެކަމަކު އެ ފަހަރު ޕެނަލްޓީ ޖަހައިގެން ގަން ވަނީ މޮޅުވެފައެވެ.