އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ޔުނައިޓެޑް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ރޭ ފުލަމް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗްގައި ޔުނައިޓެޑަށް ކުޅެގަނެވިފައިވަނީ ދެވަނަ ހާފްގައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީ ފުލަމްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުލަމްއިންނެވެ. މިލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ އެލެގްޒެންޑަރ މިޓްރޮވިޗްއެވެ.
މިމެޗްގެ އޮއެވަރު ބަދަލުވެގެންދިޔައީ މެޗްގެ 75 ވަނަ މިނެޓްގައި ޔުނައިޓެޑުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޖޭޑަން ސަންޗޯ ފުލަމްހެ ގޯލަށް ފޮނުވާލި ބޯޅަ އެޓީމްގެ ވިލިއަން އަތުގައި ޖެހިފާ ބޭރަށް ދިޔަ ހިސާބުންނެވެ. މިހާދިސާގައި ރެފްރީ އެންމެ ފުރަތަމަ ކޯނަރަކަށް ދެއްކި ނަމަވެސް ވީއޭއާރުގެ ލަފާގެ މަތިން ރެފްރީ ޕިޗް ސައިޑް މޮނީޓަރުން ބެލުމަށްފަހު އެއީ ޕެނަލްޓީއަކަށް ދެއްކިއެވެ. އަދި އެހާދިސާގެ ތެރެއިން ފުލަމްގެ ކޯޗް މާކޯ ސިލްވަރ ހިތްހަމަ ނުޖެހުން ފާޅު ކުރުމާއެކު އޭނާއަށް ރަތްކާޑު ދެއްކިއެވެ. އަދި ވިލިއަން ބޯޅައިގައި އަތްލީކަމަށް ނިންމާ އޭނާއަށްވެސް ރަތްކާޑު ދެއްކިއެވެ. އަދި އެއާއެކު އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ރެފްރީގައިގާ އަތްލުމުގެ ސަބަބުން މިޓްރޮވިޗްއަށްވެސް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. މިއާއެކު މުޅި މެޗް ބަދަލުވެގެންދިޔައެވެ.
މިގޮތުން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި އޭގެ ދެމިނެޓްފަހުން ޔުނައިޓެޑްގެ މާސެލް ސަބިޓްޒަރ ލަނދެއް ޖަހާ އެޓީމަށް ލީޑު ނަގާދިނެވެ. އަދި ޔުނައިޓެޑްގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ފެނާންޑޭޒްއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ޔުނިއިޓެޑް ޖާގަހޯދިއިރު ސެމީފައިނަލްގައި އެޓީމް ބައްދަލުކުރުމަށް ރޭ ނެގި ގުރުއަތުން ދިމާވީ ބްރައިޓަން އެންޑް ހޯވް އެލްބިއަންއެވެ. އަދި ދެވަނަ ސެމީފައިނަލް މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑެވެ.